ކުޅިވަރު

ގްރޫޕް ސްޓޭޖްގައި ބޭނުންވަނީ 10 ޕޮއިންޓް - ސުޒޭން


އޭއެފްސީކަޕްގައި މިފަހަރު ބޭނުންވަނީ ގްރޫޕް ސްޓޭޖްގައި
މަދުވެގެން 10 ޕޮއިންޓް ހޯދަންކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން
ބުނެފިއެވެ. 

އޭއެފްސީކަޕްގެ ފުރަތަމަ މެޗްގައި ރަށުން ބޭރުގައި އިންޑިއާގެ މޯހަން
ބަގާންއާ ވާދަކުރުމަށް މާލެއިން ފުރުމުގެ ކުރިން މިރޭ ނޫސްވެރިންނާ
ވާހަކަދައްކަމުން ސުޒޭން ބުނީ 10 ޕޮއިންޓުން ދެވަނަ ބުރުގެ ޖާގައެއް
ޔަގީންވާނެކަމަށެވެ. އެއީ މާލޭގައި ކުޅޭ ތިން މެޗުން 9 ޕޮއިންޓް އަދި ރަށުން
ބޭރުގައި ކުޅޭ މެޗްތަކުގެ ތެރެއިން 1 ޕޮއިންޓެވެ. 

އިންޑިއާގެ މޯހަން ބަގާންއާއި ވާދަކުރަންޖެހޭ މެޗާއި ގުޅޭގޮތުން ސުޒޭން ބުނީ އިންޑިޔާގެ ކްލަބްތަކަކީ ރާއްޖޭގެ ކުޅުންތެރިން
ވަރަށް ބޮޑަށް ދަންނަ ކްލަބްތަކެއްކަމަށާއި، އިންޑިޔާގެ ކުޅުންތެރިންވެސް ވަރަށް
ރަނގަޅަށް މާޒިޔާގެ ކުޅުންތެރިންނަށް އެގޭނެކަމަށެވެ. ކޮންމެ މުބާރާތެއްވިއަސް
ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއްކަމަށާއި، އަމިއްލަ ދަނޑުގައި ވިއަސް، ރަށުން
ބޭރުގައި ވިއަސް ފުރަތަމަ މެޗުން ބަލިނުވެ ނިންމާލެވިއްޖެނަމަ މުބާރާތުގައި
ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ސުޒޭން ބުންޏެވެ. އިންޑިއާގެ މޯހަން ބަގާންއާ
ދެކޮޅަށް ނިކުންނައިރު، އެމެޗުން އެންމެ މަދުވެގެން ޕޮއިންޓެއް ހޯދުމަކީ ވަރަށް
ބޮޑު އަމާޒެއްކަމަށް މިދިޔަ އަހަރުވެސް މާޒިޔާއަށް ކޯޗުކޮށްދިން އަލީ
ސުޒޭން ބުންޏެވެ.





"ކޮންމެ ގޮތެއް ވިއަސް މިމެޗަކީ ވަރަށް މުހިންމު
މެޗެއް. އެންމެ ކުޑަވެގެން މިމެޗުން ޕޮއިންޓެއް ލިބޭތޯ ވަރަށް މަސައްކަތް
ކުރާނަން. މިމެޗަށްފަހު މާލެ އައިސް ދެ މެޗް ކުޅެން ލިބޭ. އެދެމެޗުން ހަ
ޕޮއިންޓް ލިބިއްޖެކަމަށްވާނަމަ، ދެން ރަށުން ބޭރަށްދާއިރު، މާޒިޔާއަށް އިންނާނީ
ހަތް ޕޮއިންޓް ލިބިފަ. އެހެންވީމަ އެއީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު
ހިތްވަރަކަށް ވެގެންދާނެ." ސުޒޭން ބުންޏެވެ.







މާޒިޔާގެ ކެޕްޓަން އަދި ފޯވާޑް އަސަދުﷲ އަބްދުﷲ ބުނީ
މިވަރުގެ ބޮޑު ސްކޮޑަކާއެކު ނިކުންނައިރު އުއްމީދުތައް ވަރަށް ބޮޑުކަމަށާއި، ހާއްސަކޮށް ސަޕޯޓަރުންނާ ކުލަބްގެ މެނޭޖްމަންޓުން ބޭނުވަނީ ނަތީޖާކަމަށެވެ.
މިފަހަރުގެ މުބާރާތައް މާޒިޔާ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށާއި، އިންޑިއާގެ
މޯހަން ބަގާންއަކީ ބަލިނުކުރެވޭވަރުގެ ޓީމެއް ނޫންކަމަށްވެސް ކެޕްޓަން އަސަދުﷲ އަބްދުﷲ ބުންޏެވެ.



"މިއަހަރު ކޮންމެ ގޮތެއްވިއަސް މާޒިޔާގެ ސްކޮޑް
ވަރަށް ވަރުގަދަ. މިއީ މިހާތަނަށް މިވަރުގެ ސްކޮޑެއް މާޒިޔާގައި އޮތް ފުރަތަމަ
ފަހަރު. މިދިޔަ އަހަރަށް ވުރެ އެތައް ގުނައެއް މިވަނީ ސްކޮޑް ވަރުގަދަކޮށްފަ.
އެހެންވީމަ ހުރިހާ ކުޅުންތެރިންގެވެސް އަޒުމަކީ މިފަހަރު ގިނަ ކާމިޔާބީތަކެއް
ކުލަބަށް ހޯދައިދިނުން. ކުލަބްގެ މެނޭޖްމަންޓާއި، ކުޅުންތެރިންގެވެސް އުއްމީދަކީ
އޭއެފްސީކަޕްގެ އިތުރުން މިފަހަރުގެ ފުޓްބޯޅަ ސީޒަންގައިވެސް ރަނގަޅު
ކާމިޔާބީތަކެއް ހޯދުން." އަސަދުﷲ ބުންޏެވެ.



މިރޭ މާޒިޔާ އޭއެފްސީކަޕަށް ފުރާފައިވަނީ އަނިޔާގެ
ސަބަބުން މުހައްމަދު އުމެއިރު، މުހައްމަދު އިރުފާން އަދި އަހުމަދު ރަޝީދު
ނުލައެވެ. އަދި މިއަހަރު މާޒިޔާއާ ގުޅުނު އައްސަދު އަލީ ބަންދުގައި ހުރުމުގެ
ސަބަބުން އޭނާއަށްވެސް ޓީމާއެކު ދަތުރެއް ނުކުރެވުނެވެ. ބަދަލުގައި ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް މުޅިންއާ ޒުވާން ކުޅުންތެރިއަކު ޓީމާއެކު ގެންދިޔައެވެ.