ޚަބަރު

އެމްޓީޑީސީން 230 އެނދުގެ ރިސޯޓެއް ތަރައްޤީކުރަނީ


230 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުލްސަމަދު ވިދާޅުވެއްޖެއެވެ.

ތަޒްމީލް މިހެން ވިދާޅުވީ އެމްޓީޑީސީއަށް 15 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ތަޒްމީލް ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރުތެރޭގައި އެކުންފުންނިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެމްޓީޑީސީއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން، އެކުންފުނިން އިންވެސްޓްކޮށްގެން 230 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

" އެމްޓީޑީސީން އަމިއްލަ ރިސޯޓް ތަރައްޤީކޮށް، ހިންގުމަކީ އޭގެ މަންފާ ކުންފުންޏަށް އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރެވޭނެ ކަމަށްވާތީ، މިކުންފުނިން އިންވެސްޓްކޮށްގެން، 230 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމުގެ އެންމެހާ ކަންކަން ކުރަމުންދާ ކަމަށް މި އުފާވެރި މުނާސަބާގައި އަޅުގަނޑު އިޢުލާން ކުރަން. އަދި ކުންފުނީގައި އެވަރުގެ ޤާބިލްކަން ހުރިކަންވެސް މި ފުރުސަތުގައި އަޅުގަނޑު ފާހަގަކުރަން." ތަޒްމީލް ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ، އެމްޓީޑީސީން މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ ކަމަކީ ހދ.ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެމަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަން ތަޒްމީލް ފާހަގަކުރެއްވިއެވެ.

ހދ. ނާގޯށީ އަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. 73 ހެކްޓަރުގެ މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީޑީސީން މިހާރުދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. މިމަޝްރޫއުގެ މަސައްކަތްކުރަމުންދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ރޯ ގަލަދާރީ ކުންފުންޏާއިއެކު ޤާއިމްކޮށްފައިވާ ޖޮއިންޓު ވެންޗަރއެއްގެ ދަށުންނެވެ.

މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް ކަމަށާއި، އެގޮތުން ރަށުގެ އީއައިއޭ ހެދުމުގެ މަސައްކަތާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތާއި، ރަށުގެ ސަރވޭގެ މަސައްކަތް ކުރިއަށްދާކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި 2024ވަނަ އަހަރުތެރޭ ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްޤީކޮށް އެކަމުގެ ފޮނި މީރުކަން ލިބިގެންދާނެ ކަމަށްވެސް އެމްޓީޑީސީން ވިދާޅުވެއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.

އެމްޓީޑީސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ އާމްދަނީއެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ. އެގޮތުން، މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1834361 (އެއް މިލިއަން އަށް ލައްކަ ތިރީސް ހަތަރު ހާސް ތިން ސަތޭކަ ފަސްދޮޅަސް އެކެއް) ޑޮލަރު ނުވަތަ 28.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 1815631 (އެއް މިލިއަން އަށް ލައްކަ ފަނަރަ ހާސް ހަ ސަތޭކަ ތިރީސް އެކެއް) ޑޮލަރު ނުވަތަ 28 މިލިއަން ރުފިޔާއެވެ.