ޚަބަރު

މީގެ ކުރިންވެސް "ނުރައްކަލަށް" ހުށަހެޅިފައިއޮތް ތާރީޚީ ޙަލަބު ސުންނާފަތިވެފައި


ސޫރިޔާގެ ހުޅަނގުއުތުރުގައިވާ ޙަލަބަކީ ތާރީޚީ އަދި ޤަދީމީ ރަށެކެވެ. ތާރީޚީ ގޮތުން މުހިންމު އެތަކެއް ޢިމާރާތަކާއި ބިނާއެއް ހުންނަ ރަށެކެވެ. އެ ރަށުގައި އެންމެ ފުރަތަމަ މީހުން އާބާދުވި ތާރީޚެއް ސާފުކޮށް އެނގެން ނެތް ނަމަވެސް، އެއީ ޒަމާންވީ ރަށެކެވެ. އައް-ޝުހަބާއުއޭ ވެސް މި ރަށަށް ކިޔައިއުޅެއެވެ.

ތާރީޚުން ދައްކާ ގޮތުގައި މީލާދީގެ ކުރިން ޙަލަބުގައި ވެރިކަން ކޮށްފައި ވަނީ ޔަމްހާދު ދަރިކޮޅުންނެވެ. އެއަށްފަހު، ޙަލަބުގައި ވެރިކަން ކޮށްފައިވާ ދަޢުލަތްތަކުގެ ތެރޭގައި އާޝޫރީންނާއި، ގްރީކުންނާއި، ރޯމަނުންނާއި އަދި ފާރިސީން ހިމެނެއެވެ. މުސްލިމުން ޙަލަބު ފަތަޙަ ކޮށްފައިވާ ކަމަށް ބެލެވެނީ މީލާދީން 637 ވަނަ އަހަރުއެވެ.

އޭގެ ފަހުން ވެސް، އެތަކެއް ދައުލަތަކުން ވަނީ ޙަލަބުގައި ވެރިކަން ކޮށްފައެވެ. އޭގެ ތެރޭގައި ޙަމްދާނީންނާއި، ބީޒަންޠީނުންނާއި، މަމާލިކުންނާއި، އުޘްމާނީން ހިމެނެއެވެ. ފަހުގެ ތާރީޚެއްގައި ޙަލަބަށް އަތްގަދަކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ބާރުންނެވެ. އެއީ، 1918 ވަނަ އަހަރުއެވެ. އަދި، ސޫރިޔާއަށް މިނިވަންކަން ލިބިފައި ވަނީ 1946 ވަނަ އަހަރުއެވެ.

ދިގު ތާރީޚެއް އޮތް ޙަލަބަކީ ޒަމާންވީ، އަދި ތާރީޚީ އެތަކެއް ބިނާއެއް އޮންނަ ރަށެކެވެ. ޙަލަބުގެ ސިޓަޑެލްއަކީ މީގެ ތެރެއިން ވެސް އެންމެ ފާހަގަކުރެވޭ އެއް ބިނާއެވެ. މީގެ އިތުރުން، ޙަލަބަކީ ގިނަ ޢަދަދެއްގެ މިސްކިތްތަކުން ފުރިފައިވާ ރަށެކެވެ. މުސްލިމުންގެ މަސައްކަތްތެރިކަމާއި، މަސައްކަތުގެ ކުޅަދާނަކަމާއި، ފަރުމާތައް ފެނިގެންދާ ރަށެކެވެ.

ސޫރިޔާގެ 12 އަހަރުވީ ދާޚީލީ ހަނގުރާމައިގައި ޙަލަބަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އާޘާރީ ޢިމާރާތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ބައެއް ޢިމާރާތްތައް ވަނީ ވެއްޓެން ކައިރިވެފައެވެ. ހަނގުރާމައިގެ ސަބަބުން "ނުރައްކަލަށް" ހުށަހެޅިފައި އޮތް ޙަލަބުގެ ބޮޑު ބައެއް ފެބްރުއަރީ 6 ވަނަ ދުވަހު ވަނީ ސުންނާފަތިވެފައެވެ. ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ސޫރިޔާއަށް ވެސް ކުރިއެވެ. އަދި، ޙަލަބަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވަނީ ވެއްޓިފައެވެ. ސުންނާފަތިވެފައެވެ.

2013 ވަނަ އަހަރު ފެށި ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން "ނުރައްކަލެއްގެ" ތެރެއަށް ވެއްޓިފައި އޮތް ޙަލަބަކީ، އ.ދ.ގެ ތައުލީމީ، ސައިންޓިފިކް، އަދި ކަލްޗަރަލް އޮގަނައިޒޭޝަން (ޔުނެސްކޯ)އިން އެކުލަވައިލާފައިވާ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ރަށެކެވެ. އެ ލިސްޓުގައި ޙަލަބު ހިމަނާފައި ވަނީ 1986 ވަނަ އަހަރުއެވެ.

ޙަލަބު މި ވަގުތު އޮތީ ކަންބޮޑުވާ ފަދަ ހާލަތެއްގައި ކަމަށް ޔުނެސްކޯއިން ބުނެއެވެ. ޙަލަބުގެ ތާރީޚީ ބައެއް ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ޙަލަބުގެ ސިޓަޑެލްގެ ބައެއް ފާރުތައް ވެސް ވަނީ ވެއްޓިފައެވެ. އެ ތަނުގެ ހުޅަނގު ފަރާތުގައިވާ ޓަވަރާއި، ބައެއް ފާރުތަކާއި، ބާޒާރުމަތީގައިވާ ގިނަ ޢިމާރާތްތަކެއް ވެއްޓިފައިވާ ކަމަށް ޔުނެސްކޯއިން ބުނެއެވެ. އަދި، ސިޓަޑެލްގެ އިތުރުން އެހެން ގިނަ ޢިމާރާތްތައް ވެސް ވަނީ ބަލިކަށިވެފައެވެ.

ސިޓަޑެލްގެ އިތުރުން އެންމެ ބޮޑަށް ގެއްލުންވެފައިވާ އަނެއް ޢިމާރާތަކީ އެ ރަށުގެ އައްޔޫބީ މިސްކިތެވެ. އެ މިސްކިތުގެ ގުއްބުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. އަދި، އެ މިސްކިތާ އިންވެގެން އޮންނަ ކިއްލާގެ މައި ދޮރާށީގެ އިތުރުން އުޘްމާނީންގެ ޒަމާނުގައި ބިނާކޮށްފައިވާ ގިނަ ޢިމާރާތްތަކެއް ހަލާކުވެފައިވާ ކަމުގައި ސޫރިޔާގެ ޑިރެކްޓަރޭޓް-ޖެނެރަލް ފޮރ އެންޓިކުއިޓީޒް އެންޑް މިޔުޒިޔަމްސް (ޑީ.ޖީ.އޭ.އެމް)އިން ބުނެއެވެ.

މީގެ އިތުރުން، ޙަލަބުގެ ދާރުލްއާސާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، އެ ތަނުގައި ހުރި ސަގާފަތާއި ތަރިކަ ދައްކުވައިދޭ ގިނަ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ. ސޫރިޔާގެ އިތުރުން ތުރުކީ ވިލާތުގައިވާ އާޘާރީ ބިނާތަކަށް ވެސް ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މީގެ ތެރޭގައި ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ދިޔާބަކީރް ކިއްލާގެ އިތުރުން 2 ނުވަތަ 3 ވަނަ ޤަރުނުގައި ބިނާކޮށްފައިވާ ގަޒިއެންޓެޕް ކިއްލާއާއި، 17 ވަނަ ޤަރުނުގައި ބިނާކޮށްފައިވާ ސިރްވާނީ މިސްކިތް ހިމެނެއެވެ.

މީގެ އިތުރުން، ސޫރިޔާގައި ޙަމާގައި ހުންނަ ގިނަ ޢަދަދެއްގެ ތާރީޚީ ޢިމާރާތްތަކާއި މިސްކިތްތައް ވެސް ވަނީ ބިންހެލުމުގައި ވެއްޓިފައި ނުވަތަ ގެއްލުން ލިބިފައެވެ. މީގެ ތެރޭގައި އިމާމް އިސްމާޢީލް މިސްކިތާއި ޝްމޭމީސް ކިއްލާގެ އިތުރުން އަލް-މަރުޣަބު ކިއްލާއާއި، ޤުދޫސް ކިއްލާ ހިމެނެއެވެ.

ބިންހެލުމުގައި ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ޢިމާރާތްތަކާއި ބިނާތަކަށް ލިބިފައިވާ ގެއްލުންތައް އަންދާޒާ ކުރުމަށް އެ އިދާރާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސޫރިޔާގެ ބައެއް ސަރަޙައްދުތަކަކީ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަކަށް ނުވުމުގެ ސަބަބުން، އެ މަސައްކަތަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.