ވިޔަފާރި

އެސް.އެމް.އީ ލޯނަށް 727 ފަރާތަކުން ކުރިމަތިލައިފި


ކުދި ވިޔަފާރިވެރިންނަށާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ކުރައްވައިގެން ދޫކުރައްވަން ނިންމަވާފައިވާ "އެސް.އެމް.އީ" ލޯނަށް ހުޅުއްވާލެއްވި ފުރުޞަތުގައި ހަތް ސަތޭކަ ހަތާވީސް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އާދަމް ތައުފީޤު ޕީއެސްއެމަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، އެސްއެމްއީ ލޯނަށް އެންމެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވަނީ، އޯޕަން ކެޓަގަރީއަށްކަމަށެވެ. އަދި ފޯމުތައް އިވެލުއޭޓްކުރުމުގެ އެންމެފަހު މަރުޙަލާ ކުރިޔަށްދާކަމަށް ވިދާޅުވިއެވެ. އަންހެނުންނާއި ޒުވާނުންގެ އިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލެއް ރާއްޖޭގައި ތައްޔާރުކުރަން ލޯނަށް އެދޭ ފަރާތްތަކަށާއި މާލެ، ވިލިމާލެ، ހުޅުމާލެ ނޫން ސަރަޙައްދުތަކުގައި ވިޔަފާރި ފެށުމަށް މަސައްކަތްކުރާ ފަރާތްތަކާއި ތިމާވެށި ޙިމާޔަތްކުރެވޭ ގޮތަށް މަސައްކަތްކުރަން ރާވާފައިވާ ފަރާތްތަކަށް މި ލޯން ސްކީމްގައި އިތުރަށް މާކްސް ލިބޭނެކަމަށް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ. އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން ފަސް ސަތޭކަ ހާސް ރުފިޔާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ގިނަ ބަޔަކު ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރައްވަން ނިންމަވާފައިވާ އެންމެ މަތީ އަދަދަކީ، 1.5 މިލިއަން ރުފިޔާއެވެ. ލޯނު ދޫކުރައްވާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރު ފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ޚިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިއަށް ލޯނު ދެއްވަންވެސް ކަނޑައަޅުއްވާފައިވެއެވެ. އެސްއެމްއީއަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓު ކުރުމަށްފަހު ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ލޯނު ފައިސާތައް ޝަރުޠު ހަމަވާ ފަރާތްތަކަށް ޙަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ. މި ލޯނުގައި ރަހުނެއް ބަހައްޓަން ނުޖެހޭއިރު ލޯނުގެ އިންޓްރެސްޓަކީ، އަހަރަކު ނުވައެއް އިންސައްތަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެސްއެމްއީ ލޯނަކީ، ޒުވާނުންނަށް ޚާއްޞަކޮށް ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދަވާ ލޯން ސްކީމެކެވެ.