ޚަބަރު

ބިންހެލުން: ވޭނާއި ކެކުޅުމުގެ އަޑާ އެކު ގުގުމަމުންދަނީ ތަކުބީރުގެ އަޑު


މީގެ 48ގަޑިއިރު ކުރިން ތުރުކީވިލާތާއި ސޫރިޔާގެ ހިސާބުތަކަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމާއި އެއާ ވިދިގެން 7.6ގެ ބާރުމިނުމުގައި އައި ބިންހެލުމުގެ ސަބަބުން މި ދެ ޤައުމުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ. އުސް ޢިމާރާތްތައް ބިމާ ހަމަވެ، މަގުތައް ވަނީ ހަލާކުވެފައެވެ. ފިނިމޫސުމުގެ ގަދަ ފިނީގެ ތެރެއިން އިވެމުން ދަނީ ވޭނާއި ކެކުޅުމުގެ އަޑެވެ. މަޔަކު ނުވަތަ ބަފަޔަކު، އެމީހެއްގެ ދަރިފުޅު ނުފެނިގެން ގޮވާ އަޑެވެ. އަދި، މައިންބަފައިން ވީނުވީ ނޭނގިގެން ތުއްތު ކުދިން، އެ ކުދިންގެ މައިންނަށް ގޮވަމުންދާ އަޑެވެ. ރުއިމާ ގިސްލުމުގެ އަޑުން މުޅި ސަރަޙައްދު ވަނީ ގުގުމާލާފައެވެ.

ފެންނަމުން ދަނީ ހޭބޯ ނާރާ މީހުން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރެވެ. އެއް ބަޔަކު، ވެއްޓިފައިވާ ޢިމާރާތްތަކުގެ ގާކުނޑިތައް އެއް ފަރާތްކޮށް އަތްފުނާ އަޅަނީއެވެ. އަނެއް ބަޔަކު، އެ މީހުންނަށް އެހީވެރިވާން ކޮޅުކޮޅު މައްޗަށް ދުވަނީއެވެ. އަނެއް ބަޔަކު، ވެއްޓިފައިވާ ކޮންކްރީޓްތަކުގައި ކަންފަތް ޖަހައިގެން އަޑުއަހަމުން ދަނީ ދިރިހުރި ފުރާނައެއްގެ ހިލަމެއް ވޭތޯއެވެ. އިމާރާތްތަކުގެ އަޑިން މީހެއްގެ ހިލަމެއް ވޭތޯ އަޑުމަރުކުރަން ބުނެއެވެ.

މި މަސައްކަތުގައި އެތަކެއް ހާސް ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. އެއް ބަޔަކު، އަތް ފައިން ކޮންނަނީއެވެ. އުދަލި ފަދަ ތަކެތީގެ އެހީތެރިކަމާ އެކުގައެވެ. އަނެއް ބަޔަކު، އެކްސްކެވޭޓަރު ފަދަ އާލާތްތައް ބޭނުންކޮށްގެންނެވެ. މި މަސައްކަތުގެ ތެރެއިން ދެން އިވެނީ މީހަކު "ތަކުބީރޭ" ކިޔައިފައި ގޮވާލާ އަޑެވެ. ދެން އެ ހިސާބަކުން ގުގުމައިގެން ދަނީ الله أكبر މި ކަލިމައެވެ. މި ތަކުބީރެވެ. މާތް الله ގެ ހައިބަވަންތަކާއި މަތިވެރިވަންތަކަށް ބަޔާންކޮށް އިޤުރާރުވުމުގެ ގޮވުމެވެ. އެ ކަލިމައެވެ.

ވެއްޓިފައިވާ ޢިމާރާތެއްގެ ކޮންކްރީޓްތަކުގެ ދަށުން ދިރިހުރި ފުރާނައެއް ފެންނަ ކޮންމެ ފަހަރަކު އިވެމުން ދަނީ ތަކުބީރުގެ އަޑެވެ. މާތް ﷲ އަށް ޙަމްދު ކުރާ އަޑެވެ. އެ އަޑެއް ނުކެނޑެއެވެ. އެ އަޑެއް ނުވެސް ކެނޑޭނެއެވެ. ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު 11,200އަށްވުރެ މައްޗަށް އަރައިފިއެވެ. ނަމަވެސް، ޢިމާރާތްތަކުގެ ދަށުން އަދިވެސް ދިރިހުރި މީހުން ދަނީ ފެންނަމުންނެވެ. ކުޑަކުދިން ރޯލާ އަޑު ދަނީ އިވެމުންނެވެ. ސަލާމަތްކޮށްދިނުމަށް އެދި ކުރާ އާދޭހުގެ އަޑު ކެނޑުމެއް ނެތެވެ.

އެއާއެކު، الله أكبرގެ ތަކުބީރުގެ އަޑު ގުގުމައިގެންދެއެވެ. ތުރުކީވިލާތުގެ އެކި ކަންކޮޅުތަކުންނާއި ސޫރިޔާގެ އެކި ކަންކޮޅުތަކުން އެ އަޑު ކެނޑުމެއްނެތެވެ. ބިންހެލުން އައިތާ 52 ގަޑިއިރު ފަހުން ތުރުކީވިލާތުގެ ޙަތޭއިން ތަކުބީރުގެ އަޑު ގުގުމައިގެން ދިޔައީ، އަށް އަހަރުގެ ކުޑަކުއްޖަކު ސަލާމަތް ކުރެވުމުންނެވެ. ސިގިތް ޗަކްމަކް ފެނުނީ، ޢިމާރާތެއްގެ ދަށުންނެވެ. މާތް الله ގެ އިރާދަފުޅުން، އޭނާގެ ހާލު ރަނގަޅެވެ.

ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަ ކުޑަކުއްޖަކީ ސޫރިޔާގެ މުޙައްމަދެވެ. އޭނާ، ވަނީ ޢިމާރާތެއްގެ ކޮންކްރީޓްތަކުގެ މެދުގައި ތާށިވެފައެވެ. ވީޑިޔޯއިން އެ ފެންނަނީ، އޭނާއަށް ފެންފޮދެއް ދޭ މަންޒަރެވެ. އޭނާ، ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައިވާތާ މިހާރު 45 ގަޑިއިރަށްވުރެ ގިނަ އިރުވީއެވެ. އޭނާ ސަލާމަތް ކުރަން މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ފެނުމާއެކު ވެސް މުޅި ސަރަޙައްދުން ގުގުމައިގެން ދިޔައީ ތަކުބީރުގެ އަޑެވެ.

ސޫރިޔާގެ އިދްލިބުން ވެސް ތަކުބީރުގެ އަޑު ކެނޑުމެއް ނެތެވެ. އެންމެ ފަހުން އުފާފާޅުކުރުމުގެ އަޑުން އިދްލިބް ގުގުމައިގެން ދިޔައީ، އެއް ޢާއިލާއަކަށް ނިސްބަތްވާ ހަ މީހުން ދިރިތިއްބާ ފެނުމުންނެވެ. އެ މީހުން ސަލާމަތް ކުރެވިއްޖެއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ. އެ މީހުން އެމްބިޔުލާންސަކަށް އަރުވައިގެން މިހާރު ވަނީ ފަރުވާދޭން ގެންގޮސްފައެވެ.

ސޫރިޔާގެ އިރުއިތުރުން ތުއްތު ކުއްޖަކު ވެސް ވަނީ ސަލާމަތް ކުރެވިފައެވެ. އެއީ އިދްލިބްގެ ރަށެއް ކަމުގައިވާ ޖިންދާރިސްއިންނެވެ. އެ ކުއްޖާ ދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލީ، ބިންހެލުމުގެ ލޮޅުންތަކާ އެކުގައެވެ. ނަމަވެސް، އެ ވަގުތުކޮޅު ވެގެންދިޔައީ އެ ކުއްޖާގެ ޢާއިލާގެ އެހެން ހުރިހާ މެންބަރުންގެ ފަހު ވަގުތުކޮޅަށެވެ. ފަހު ނޭވާއަށެވެ. އެ ތުއްތުކުއްޖާގެ މަންމައާއި، ބައްޕައާއި، ހަތަރު ބެއިންނާއި، ބޮޑުދައިތަ ވެސް ވަނީ މި ދުނިޔެއާ ވަކިވެގެން ގޮސްފައެވެ. އެ މީހުން ދިރިއުޅެމުންދިޔަ ޢިމާރާތް ވެއްޓުމުގެ ސަބަބުންނެވެ.

ތުރުކީވިލާތާއި ސޫރިޔާއިން އިވެމުން ދަނީ މި ފަދަ ވާހަކަތަކެވެ. ޙަލަބާއި އިދްލިބުން ކުޑަ ދެ ކުދިން ދިރިތިއްބާ ފެނުނު ޚަބަރެވެ. އެ ކުދިން ސަލާމަތް ކުރުމަށް ހޭބޯނާރައި މަސައްކަތް ކުރަމުންދާ ވާހަކައެވެ. ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން، އެ މީހުންގެ މައިންނާއި ބަފައިންނަށް، އަދި އަނބިންނާއި ފިރިންނަށް ފޯނުން ފޮނުވަމުންދާ މެސެޖުތަކުގެ ވާހަކައެވެ. "ވޮއިސް ނޯޓް"ތަކުގެ ވާހަކައެވެ.

އެ އެންމެން ސަލާމަތް ކުރުމަށް އެތަކެއް ހާސް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ފައިބަމުންދާ ސްނޯއާއި، ވެހެމުންދާ ވިއްސާރައިގެ ތެރެއިންނެއެވެ. އަތްފުނާ އަޅަމުން ދަނީ، ދިރިހުރި ފުރާނައެއް ފެނޭތޯއެވެ. އިތުރު މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ. ނަމަވެސް، ދިރިހުއްޓާ ގިނަ ޢަދަދެއްގެ ބަޔަކު ފެނުމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ. އެ ފަދަ ވަގުތުތަކުގައި ވެސް، ދޭތެރެދޭތެރެއިން އިވެނީ މީހަކު "ތަކުބީރޭ" ކިޔާފައި ގޮވައިލާ އަޑެވެ. އެ އަޑު އިވޭ ހިސާބުގައި ހުރި ކޮންމެ މީހެއްގެ އަނގައިން ދެން ނުކުންނަކީ الله أكبر މި ކަލިމައެވެ. މި ތަކުބީރެވެ. ގުގުމައިގެން ދަނީ މާތް الله ގެ ހައިވަބަންތަކަމާ މަތިވެރިކަމުގެ ތަކުބީރުގެ އަޑުންނެވެ.