ޚަބަރު

ޖޭޕީގެ ޤައުމީ ޖަލްސާ މިމަހު 23ގައި


ޖުމްހޫރީ ޕާޓީ އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާ މިމަހު 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔަސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ވަނީ މުހިންމު ނިންމުންތަކެއް ނިންމާފައެވެ. ކައުންސިލުން ނިންމި ކަންކަމާއި ގުޅޭގޮތުން ޖޭޕީގެ ތަރުޖަމާން އަލީ ޞާލިހު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާނެ ތާރީހެއް ކަނޑައެޅުންކަމަށެވެ.

ޤައުމީ ޖަލްސާ ބޭއްވުމަށް ކައުންސިލުން ފާސްކޮށްފައިވަނީ މިމަހުގެ 23 އިން 26 އަށް މާލޭގައެވެ. ގައުމީ ޖަލްސާގެ ރަސްމީބައި މިމަހުގެ 24 އިން 25 އަށް ދަރުބާރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އަލީ ޞާލިހު ވިދާޅުވިއެވެ. އަދި ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުވުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. މިހާތަނަށް ލިބިފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރުގެ މަޤާމު ޕާޓީގެ ރައީސްކަމަށް ބަދަލު ކުރަން ހުށަހަޅާފައިވާކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ. މިނޫންވެސް އެޕާޓީގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގިނަ އިސްލާހުތަކެއް ހުށަހެޅިފައިވަކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޞާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއިމެދު ގޮތެއް ނިންމާނީ ގައުމީ ޖަލްސާއިން އެކުލަވާލެވޭ އާ ކައުންސިލުންކަމަށެވެ. ކައުންސިލުން ނިންމާގޮތެއްގެ މަތީން އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއިމެދު ގޮތެއް ނިންމިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.