ކުޅިވަރު

ވަރުގަދަ ސްކޮޑަކާއެކު މާޒިޔާއިން އައު ސީޒަނަށް ފަރިތަކުރުންތައް ފަށައިފި


ވަރުގަދަ ސްކޮޑަކާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.

މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު އެ ޓީމަށް ވަނީ ޤައުމީ ފުޓުބޯޅަ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އަދި އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންތަކެއް ވަނީ އެއްބަސްވުން އާކޮށްފައެވެ.

ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)، ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) އަދި ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު) ގެ އިތުރުން ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލާއި، ހުސެއިން ޝިފާއު (ކުރޯ) އާއި، ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި، ޝަމްވީލް މުޙައްމަދު (ބޮންޑާ) ގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ޚަލީލް ޖަމާލުގެ ސޮއިވެސް މާޒިޔާއިން ވަނީ ހޯދައިފައެވެ.

މާޒިޔާއާ ގުޅުނު ސެންޓޭ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ހުރިހާ ކުލަބަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ އަދި ކުލަބް އީގަލްސް ހިމެނެއެވެ. އެކަމަކު ގޯލާ ރައްޓެހި ސެންޓޭ އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑުބައި ނުކުޅެއެވެ.

އައު ސީޒަނަށް މާޒޒިޔާއިން ސްކޮޑު ވަރުގަދަ ކުރަމުން އަންނައިރު، އެ ޓީމުން ވަނީ ކިޯޗުގެ މަގާމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވްވެސް ހަމަޖައްސާފައެވެ.

ފަރިތަކުރުންތަކާ ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަދައްކަމުން މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ބުނީ ކޮންމެ ސީޒަނަކަށް ވެސް މާޒިޔާއިން ތައްޔާރުވަނީ ދުރާލާ ތައްޔާރުވެގެން ކަމަށާއި ސްކޮޑު ވަރުގަދަކުރުމަށް ވެސް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ބޮޑު ޓާގެޓަކީ މި ސީޒަނުގައި ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި ފަހަރު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނީ މާޗު މަހުގައެވެ. އެގޮތުން މިހާރުގެ ވަގުތީ ކަލަންޑަރުގައި ވާގޮތުން މާޗު މަހުގެ ފަހުކޮޅު ސީޒަން ފަށާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕުންނެވެ.