ޚަބަރު

މެންބަރު ފަލާހާއި، ނަޝީދުގެ ނަން އިއްވައި ތަޅުމުން ނެރެފި


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުނޅަގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހުގެ ނަން އިއްވައި ތަޅުމުން ނެރެފިއެވެ.

މަޖިލީހުގެ ތަޅުމުން މެމްބަރު ފަލާހުގެ ނަން އިއްވައި ތަޅުމުން ނެރެފައިވަނީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމާއި ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ ޢިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް މަޖިލީހުގެ ރިޔާސަތާއި ޣަފޫރާއި ދެމެދު ދެކެވުނު ވާހަކަތަކާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގައެވެ.

މެންބަރު ޣަފޫރު އެ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅުވީ ސިޔާސީ ގޮތުން މަޖިލިސް ތެރޭގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅައި އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން އެކަމަށް ހިތްވަރު ދެއްވާކަމަށްވެސް ތުހުމަތުކުރެއްވިއެވެ. މެންބަރު މިހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްވަނީ ހުށަހެޅިފައިވާ މަޢުޟޫއަށް ވާހަކަ ދެއްކުވުމަށް އިލްތިމާސްކުރައްވާފައެވެ.

މިއާއިއެކު މެންބަރު ފަލާހުވަނީ މަޖިލީހުގެ ރިޔާސަތުން ވަކި މެމްބަރުންނާއި މެދު ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށް ތުހުމަތުކުރެއްވިއެވެ. އަދި ރިޔާސަތުން އަމަލު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. ފަލާހުގެ ހިންހަމަ ނުޖެހުން ރިޔާސަތަށް އަމާޒު ކުރުމުން މަޖިލީހުގެ ރިޔާސަތުން ވަނީ ފަލާހުގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ.


މަޖިލީހުގެ ބަހުސްގެ މަރުހަލާ ފަށާފައިވަނީ މެމްބަރު ފަލާހު ތަޅުން ދޫކުރައްވައި ނިކުމެވަޑައިގަތުމުންނެވެ.

މެންބަރު ފަލާހު ނަން އިއްވައި މަޖިލީހުން ނެރުނުފަހުން ކުރިއަށް ދިޔަ ބަހުސްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގައި އަޑުގަދަކޮށް ރިޔާސަތަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވުމުން ރިޔާސަތުން ވަނީ އޭނާގެ ނަންވެސް އިއްވާފައެވެ.