ޚަބަރު

މަރުވެފައިއޮތް އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން އިނީ ބައްޕަ، ހިތްދަތި މަންޒަރެއް


ތުރުކީވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރަށް އައި ދެ ބިންހެލުމުގައި 8،000އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، ސޯޝަލް މީޑިއާއިން ތަފާތު އެކި ވާހަކަތައް ބުނެދޭ ފޮޓޯއާ ވީޑިއޯ ފެނެއެވެ. ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ ބިންހެލުމުގެ ސަބަބުން އަސަރުކޮށްފައިވާ މީހުން ސަލާމަތްކުރާ ޓީމުތަކުން އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނާ ކުޑަކުދިން ސަލާމަތްކުރަން ހިތްވަރާއެކު މަސައްކަތްކުރާ ތަނެވެ. ކޮންމެ ފޮޓޯއަކުންވެސް ތަފާތު ވާހަކައެއް ބުނެދެއެވެ. އަދި އެތައް އިޙުސާސެއް ކުރުވައެވެ.

މިފަދަ އެއް ފޮޓޯއަކީ ބިންހެލުމުގެ ސަބަބުން ތުރުކީވިލާތުގެ ކަހްރަމަންމަރާޝްގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ދަށުވެ، މަރުވެފައިވާ ކުޑަ އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން ފިރިހެނެއް އިންނަ މަންޒަރު ދައްކުވައިދިން ފޮޓޯއެކެވެ. ހޭލަ މޭލައަށް އެހެން އެންމެން މީހުން އިމާރާތްތަކުގެ ދަށުން ނަގާ ސަލާމަތްކޮށް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަވަދިނެތިކޮށް އުޅުނު އިރު މެސުތް ހެންސަރ އިނީ އޭނާގެ މަރުވެފައިވާ 15 އަހަރުގެ އަންހެން ދަރިފުޅު އިރްމާކްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ފުނޑުވެފައިވާ އިމާރާތުގެ ގާފުނި މަތީ ހެންސަރ އިށީންދެގެން އިންއިރު އޭނާގެ އަންހެން ދަރިފުޅު އޮތީ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި އޮތް އެނދުގައެވެ. ބައްޕައާއި އަންހެން ދަރިފުޅު ކައިރިން އިތުރު މީހަކު ފުނޑުވެފައިވާ ކުނިތަކުގެ ތެރެއިން އަންހެން ކުއްޖާ ނަގަން މަސައްކަތްކުރާތަން ފެނެއެވެ. މަރުވެފައިވާ ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން ބައްޕަ އިނީ ދަރިފުޅުގެ ގައިމަތިން އިމާރާތުގެ ބައިތައް ނެގެންދެނެވެ.

މި ފޮޓޯއިން މި ފެންނަނީ 7 އަހަރުގެ އަންހެން ކުއްޖެއް އޭނާގެ ކޮއްކޮގެ ބޮލަށް ފާރު ވެއްޓިދާނެތީ ރައްކާތެރިކަން ދިނުމުގެ ގޮތުން ބޮލުގައި އަތް އަޅައިގެން އޮތް މަންޒަރެވެ. މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު ވަނީ މި ކުޑަ އަންހެން ކުއްޖާގެ ހިތްވަރަށް ތައުރީފުކޮށްފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ޓީމުތަކަށް މި ދެ ކުދިން ފެނުނު އިރުވެސް ދައްތަ އޮތީ ހިނިތުންވެފައެވެ. ކޮއްކޮއަށް ހިމާޔަތް ދެވޭތީކަމަށްވެސް ވެދާނެއެވެ. ފިރިހެން ކޮއްކޮގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. ދައްތަގެ ޙިމާޔަތް ލިބޭތީ ސަލާމަތްވާނެ ކަމުގެ އުންމީދު ލިބޭތީކަމަށްވެސް ވެދާނެއެވެ. މި ދެކުދިން މި އިމާރާތުގެ ދަށުގައި 17 ގަޑިއިރު މިހެން ތިއްބެވެ.

ޓްވިޓަރގައި މި ފޮޓޯ ޝެއަރކުރި މީހަކު ލިޔުނީ "އަންހެނުންނަކީ ޤުދުރަތީ ރައްކާތެރިވެރިން، ޝިފާވެރިން، ލޯބިވެރިން. އަހަރެމެން ދަރިން ހޯދަން އިޚްތިޔާރު ކުރިޔަސް ނުކުރިޔަސް އަހަރެމެން ގައިގައި ޤުދުރަތީގޮތުން މައިވަންތަ ކުލުނާ އަޅާލުމާ ލިބިދީފައިވޭ" މިހެންނެވެ. ތެދެކެވެ. މިފޮޓޯއިން އެކަން ފެނިގެން ގޮސްފިއެވެ.

ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް ކޮންމެވެސް ގޮތަކުން ބިންހެލުންތަކުގެ އަސަރުކޮށްފައިވެއެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.