ޚަބަރު

ސޫރިޔާއާއި ތުރުކީއަށް އައި ބިންހެލުން: ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފަންޑެއް


ތުރުކީވިލާތަށާއި ސޫރިޔާއަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ފުރުޞަތު ދިވެހި ރެޑްކްރެސެންޓުން ހުޅުވާލައިފިއެވެ.

ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް 5،000އަށްވުރެ ގިނަ މީހުން މަރުވެ، 25،000އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އެތައް ބަޔަކު ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފައެވެ.

މިބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއިން ވަނީ 200 މިލިޔަން ސްވިސް ފްރެންކްސް އިމަރޖެންސީ އެހީގެ އިލްތިމާސެއްކޮށްފައެވެ. މި އިލްތިމާސްއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން މިހާރު ވަނީ ތުރުކީވިލާތަށާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީވުމަށް ފައިސާ ޖަމާކުރާނެ ފަންޑެއް ހުޅުވާފައެވެ. މިފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރެޑްކްރެސެންޓުގެ ދިވެހި ފައިސާގެ އެކައުންޓާއި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލް

* ދިވެހި ފައިސާ އެކައުންޓް :7701176022001
* ޑޮލަރު އެކައުންޓް: 7701176022002

އިސްލާމިކް ބޭންކް

* ދިވެހި ފައިސާ އެކައުންޓް: 99010155500036100
* ޑޮލަރު އެކައުންޓް: 99010155500036200

ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.

ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކަށް 48 ގަޑިއިރުވާން ކައިރިވެފައިވަނިކޮށްވެސް އެތައް ބަޔަކުވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އެ ގޮތުން ތުރުކީވިލާތުން އެކަނި 8،000އަށްވުރެ ގިނަ މީހުންވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އަދި 380,000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް ތުރުކީވިލާތުގެ ސަރުކާރުން ބުނެފައިވެއެވެ. 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް ބިންހެލުންތަކުގެ އަސަރުކޮށްފައިވެއެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ. އެގޮތުން ބިންހެލުން އައިސްފައިވާ ސަރަހައްދުތަކަށް ޤަތަރުން 10،000 މޮބައިލް ހޯމްގެ އިތުރުން 120 ފީލްޑް ހޮސްޕިޓަލަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ތުރުކީވިލާތުން ބުނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައް ފޮނުވާފައިވެއެވެ.