ޚަބަރު

ވިހަން ޖެހުނީ ވެއްޓިފައިވާ އިމާރާތުގެ ދަށުން، ވިހެއުމަށްފަހު ދޫކޮށްލީ ފަހު ނޭވާ


ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގެ ފޮޓޯތަކާއި ވީޑިޔޯތަކުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ކުޑަކުޑަ ކުއްޖެއް ނަގައިގަނެގެން ދުވެފަދާ މަންޒަރެވެ. އެއީ ސޫރިޔާގެ އުތުރުގެ އަވަށަކުން ސަލާމަތްކުރި ކުއްޖެކެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތެއްގެ ބާރުގެ ދަށުގައި އޮންނަ އެ އަވަށަށް ބިންހެލުންތަކުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ޖިންދީރިސް ނަމަކަށް ކިޔާ އަވަށުގައި ދިރިއުޅޭ ޚަލީލް އަލްސުވާދީ ބުނި ގޮތުގައި އޭނާގެ ޢާއިލީ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި މުޅިގެވަނީ ބިމާހަމަވެފައެވެ. އިމާރާތްތަކުގެ ދަށުން މީހެއްގެ ހިލަމެއްވޭތޯ ބަލަނިކޮށް އިވުނީ ކުޑަކުއްޖަކު ރޯއަޑެވެ. ހަތަރު ފަނގިފިލާގެ އިމާރާތުގެ ވެއްޓިފައިވާ ބައިތައް ކުޑަކޮށް ހާވާލާއިރަށް ފެނުނީ އެ ގޭގައި ދިރިއުޅޭ އަންހެނަކު ވިހާފައި އޮތް ކުޑަކުއްޖެކެވެ. ކުއްޖާ އޮތީ ހިރަފުހުން ތަތްތެޅިފައެވެ. ފޫޅުވެސް ނުކެނޑި އޮތީ ފުރާނަނެތް މަންމަގެ މަސްގަނޑު ކައިރީގައެވެ. އަވަސްއަވަހަށް ރަޖައަކަށްލާ އޮޅާލައިގެން އެ ކުއްޖާ ގެންދިޔައީ ހަސްފަތާލަށެވެ. އެއަށްފަހު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އެ ކުއްޖާގެ ޢާއިލާގެ މީހުން ނަގަން ފެށިއެވެ. މަންމައާއި ބައްޕައާއި އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާއި ބޮޑު ދައިތައެވެ. އެންމެންވަނީ މަރުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގެ ދަށުން ނެގި ކުޑަކުއްޖާ އޮތީ އަފްރިންގެ ހަސްފަތާލެއްގައެވެ. އެ ކުއްޖާއަށް ފަރުވާދެނީ އިންކިއުބޭޓަރެއްގައެވެ. ގައިގައި ފިނިހިފުމާއި ހަން މަށައިގެން ދިއުން ފިޔަވައި އެހެން ގެއްލުމެއް އެ ކުއްޖާއަކަށް ނުލިބެއެވެ.

ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް އެންމެ އިސް ދައުރެއް އަދާކުރަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމާގައި އެންމެ ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދިޔަ ސަރަޙައްދުތަކުގެ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ވައިޓު ހެލްމެޓް ޖަމާޢަތެވެ. ބިންހެލުންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ސޫރިޔާއަށް ލިބެމުންދާ އެހީތެރިކަމާއި އަހައްމިއްޔަތުކަން ކުޑައެވެ. ބިންހެލުންތަކުގައި ސޫރިޔާއިން 1،600 މީހުންވަނީ މަރުވެފައެވެ. ދިގުލައިގެންދިޔަ ސޫރިޔާގެ ދާޚިލީ ހަނގުރާމައިން މުޅިން އަރައިނުގަނެވި އުޅެނިކޮށް އެހާމެ ގެއްލުން ބޮޑު ކާރިޘާއަކާ ކުރިމަތިލާން ސޫރިޔާއަށްވަނީ ޖެހިފައެވެ.