ޚަބަރު

އިމާރާތްތަކުގެ ދަށުން ދިރިހުއްޓައި މީހުން ސަލާމަތްކުރުމުގެ ވަޤުތު ފާއިތުވަނީ


ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި 5،000އަށްވުރެ ގިނަ މީހުން މަރުވެ، 25،000އެއްހާ މީހުން ޒަޚަމުވުމުން އެ ދެ ޤައުމުގެ ޞިއްޙީ ފަރުވާދޭ ނިޒާމުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ގޮތުން ޙާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކަށް އަޅައި ނުލެވި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އަންހެނުންނާއި ކުޑަކުދިން ރޯއަޑު ހުއްޓުމެއްނެތި އިވެމުންދެއެވެ. އެއާއެކު ކުއްލި ޙާލަތުގައި އަމިއްލައަށް އެދިގެން މަސައްކަތްކުރުމަށް ދުނިޔޭގެ 30 ޤައުމަކުން އެތައް ހާސް ބަޔަކުވަނީ ތުރުކީވިލާތަށް ޖަމާވެފައެވެ. އޭގެ އިތުރުން އެތައް ޤައުމަކުންވަނީ ޞިއްހީ ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ ސާމާނާއި ގެއްލިފައިވާ މީހުން ހޯދުމަށް ބޭނުންކުރާ ކުއްތާއާއި އެނޫންވެސް އާލާތްތައް ތުރުކީވިލާތަށް ފޮނުވައިފައެވެ.

ބިންހެލުންތަކުގައި ތުރުކީވިލާތަށްވުރެ ސޫރިޔާއަށް ލިބުނު ގެއްލުންތަކެއް ކުޑައެއް ނޫނެވެ. ތަފާތަކީ ދާޚިލީ ހަނގުރާމައިގައި ސުންނާފަތިވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން ސޫރިޔާއަށް ކުރިމަތިވި އަޞްލު ގެއްލުންތައް އަންދާޒާ ކުރަން ދަތިވުމެވެ. އޭގެ އިތުރުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި ގިނަ ޤައުމުތަކުން އެ ޤައުމާ ގުޅުން ކަނޑާލާފައި އޮތުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް އުނދަގޫތަކެއްވަނީ ކުރިމަތިވެފައެވެ. ނަމަވެސް ސޫރިޔާގައި ޙަރަކާތްތެރިވާ އެކި ޖަމާޢަތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް ޤައުމުތަކުން މަސައްކަތްކުރަމުންދެއެވެ.

ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކަށް 48 ގަޑިއިރުވާން ކައިރިވެފައިވަނިކޮށްވެސް އެތައް ބަޔަކުވަނީ ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އެ ގޮތުން ތުރުކީވިލާތުން އެކަނި 8،000އަށްވުރެ ގިނަ މީހުންވަނީ ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އަދި 380,000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް ތުރުކީވިލާތުގެ ސަރުކާރުން ބުނެފައިވެއެވެ. 85 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގައި ދިރިއުޅޭ 13 މިލިއަން މީހުންނަށް ކޮންމެވެސް ގޮތަކުން ބިންހެލުންތަކުގެ އަސަރުކޮށްފައިވެއެވެ.

ބިންހެލުންތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުން ބުނާ ގޮތުގައި ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން ދިރިހުއްޓައި މީހުން ސަލާމަތްކުރެވޭނީ ފުރަތަމަ ތިން ދުވަހުއެވެ. ނަމަވެސް ހަތަރެއް ނުވަތަ ފަސް ދުވަސް ފަހުން ބައެއް ޙާލަތްތަކުގައި މީހުން ސަލާމަތްކުރެވިފައިވެއެވެ. ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ތާށިވެފައިވާ މީހުންނަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްނުދެވުމާއި ލިބިފައިވާ އަނިޔާތަކަށް ފަރުވާނުދެވުމެވެ. އަދި ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް ދެވެން އޮންނަ މަގުތައް އުނދަގޫވެ އެ ސަރަޙައްދުތަކަށް ބޮޑެތި އުޅަނދުތައް ވަނުމަށް ހުރަސްއެޅިފައި އޮތުމެވެ.

ތުރުކީވިލާތަށާއި ސޫރިޔާގައި ވެއްޓިފައިވާ އިމަރާތްތަކުގެ ދަށުން މީހުން ސަލާމަތްނުކުރެވިދާ ކޮންމެ ދުވަހަކީ އެ މީހުންގެ ފުރާނައަށް ނުރައްކާވާނެ ވަޤުތެކެވެ. ޚާއްޞަކޮށް ބިންހެލުންތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގެ ފިނިހޫނު މިން ދަށްވުމުގެ ސަބަބުން އޭގެ އަސަރުވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެކަމުގެ އިންތިޒާރުގައި ތިބި އެތައް ހާސް ބަޔަކަށް ތަޙައްމަލުކުރަން ޖެހެއެވެ.