ޚަބަރު

އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެންބަރުން ނެރެން ނުޖެހޭގޮތަށް އިޞްލާހު ހުށައަޅަނީ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ނަން އިއްވައި ޗެމްބަރުން ނެރެންޖެހޭ ހާލަތެއްގައި، އަންހެން ސެކިއުރިޓީން ލައްވާ އެކަން ކުރަން ނުޖެހޭގޮތަށް، މަޖިލީހުގެ ޤަވާއިދަށް އިޞްލާހެއް ހުށައެޅުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް އިދިކޮޅު މެންބަރުން ވަނީ ހުރަސް އަޅުއްވާފައެވެ. މިއާއެކު ރިޔާސަތުން ވަނީ އެ މެންބަރުންގެ ނަން އިއްވާފައެވެ. އަދި ތަޅުން ދޫކުރައްވައި އެ މެންބަރުން ވަޑައިނުގަތުމުން، ރިޔާސަތުން ވަނީ ސެކިއުރިޓީން ލައްވާ އެ މެންބަރުން ނެރުމަށް މަސައްކަތްކޮށްފައެވެ. އެ މެންބަރުން ތަޅުމުން ބޭރަށް ނެރުމަށް ފުރަތަމަ މަސައްކަތްކުރެއްވީ މަޖިލީހުގެ އަންހެން ސެކިއުރިޓީންނެވެ.

އެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކަށް އެކި ލަވަތައް ލައިގެން އަންހެން ސެކިއުރިޓީންނަށް ފުރައްސާރަ ކުރަމުން ދާދިއުމަށް އިޝާރާތްކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ، އަންހެން ސެކިއުރިޓީންނަށް ފުރައްސާރަކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ހިނގާދިޔަ ކަންކަމަކީ މަޖިލީހުގެ ސެކިއުރިޓީންނަށް މަޖިލީހުގެ ވެރިން ދެއްވި އިރުޝާދާ އެއްގޮތަށް ހިނގާދިޔަ ކަންތައް ކަމަށެވެ. އަންހެނުން ސެކިއުރިޓީން ގޮތުގައި މަސައްކަތްކުރާ ޢަދަދު މަދުކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެފަދަ ދާއިރާތަކުގައި ތިބޭ މީހުން ބަދުނާމުކޮށް، އަގުވައްޓާލުމަށް ހަގީގަތާއި ޚިލާފު ވާހަކަ ދެއްކުން ބަލައި ނުގަނެވޭނެކަމަށެވެ. މިއީ އެފަދަ ދާއިރާތަކަށް އަންހެނުން ނިކުތުމަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައި ރޮޒައިނާ ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ހިނގާ ދިޔަ ކަންކަމަކީ އާންމު އުސޫލުން ބޭރުން ހިނގާދިޔަ ކަންތައްތަކެއްކަމަށެވެ. އެހެންކަމުން އަންހެން ސެކިއުރިޓީންނަށް ފާޑުކިޔައި، ފުރައްސާރަކޮށް، ހަޑިހުތުރު ބަހުން މުޚާޠަބުކުރުން ހުއްޓާލުމަށް ރޮޒައިނާ ގޮވާލެއްވިއެވެ. އަދި އަންހެން ސެކިއުރިޓީންނަށް އެފަދަ ހާލަތްތަކުގައި ހިމާޔަތާއި ރައްކާތެރިކަން ލިބޭނެގޮތަށް މަޖިލީހުގެ ޤަވާއިދަށް އިޞްލާހު ގެނައުމަށް ހުށައަޅުއްވާނެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"މިތާ އެހިނގި ކަންތައްތަކަކީ މިތަނުގެ ވެރިން އެ ބޭފުޅުންނަށް އިންސްޓްރަކްޝަންސް ދެއްވިގޮތަށް އެ ބޭފުޅުން ޢަމަލު ކުރައްވާފައިވާ ގޮތެއް. އެހެންކަމުން އެކަހަލަ ހާލަތްތަކުގައި އާންމު ރައްޔިތުންވެސް ކޮންމެވެސް ވަރަކަށް ވިސްނަން އެބަ ޖެހޭ." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންފަދަ މުއައްސަސާތަކުގައިވެސް ޢަމަލުކުރާ ޢާންމު އުސޫލަކީ އަންހެނުން ފާސްކުރުމުގައި ހަރަކާތްތެރިވަނީ އެ މުއައްސަސާއެއްގެ އަންހެން އޮފިސަރުންކަމަށެވެ. އަދި ފިރިހެނުން ފާސްކުރަނީ ފިރިހެނުންކަމަށާއި، އެކި އެއްވުންތަކުގައި ނުވަތަ ހަރަކާތްތަކުގައި އަންހެނުން ހައްޔަރުކުރުމާއި ދުރަށް ލުމުގައިވެސް ހަރަކާތްތެރިވަނީ އަންހެން ފުލުހުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.