ޚަބަރު

އިންޓަރ ސްކޫލް މުބާރާތުގެ މެޗެއްގައި ހިންގި ހަމަނުޖެހުން އެޑިއުކޭޝަނުން ކުށްވެރިކޮށްފި


އިއްޔެ ހަވީރު ކުޅުނު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިމުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ކަލާފާނު ސްކޫލް ވަނީ ކ. ގުރައިދޫ ސްކޫލާ ވާދަކޮށް 2-1 އިން މޮޅުވެފައެވެ.

އެފް.އޭ.އެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީފައިނަލުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ޢަމަލު ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ސްކޫލްތަކުގެ މެދުގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ކިބައިގައި އިޖުތިމާއީ އަދި އަޚްލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މިމުބާރާތްތަކުގައި ބައިވެރިވާ ސްކޫލްތަކާއި ސަޕޯޓަރުންވެސް ކުޅިވަރުގެ ރޫހާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓްރީން ވަނީ އެފަދަ ޢަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ.

އިއްޔެގެ މެޗްގައި ކަލާފާނު ސްކޫލް މޮޅުވުމުން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން މެޗަށް ފަހު ގުރައިދޫ ސްކޫލް ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގައި ރެފްރީއަށް ހަމަލާދީފައެވެ.

މެޗަށް ފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ހިނގާދިޔަ ހަމަނުޖެހުން ބަލައި ވަރަށް އަވަހަށް އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.