ޚަބަރު

ދުނިޔެ ދަތުރުކުރަނީ ބޮޑު ހަނގުރާމައަކާ ދިމާލަށް: ގުތެރޭޝް


ދުނިޔެ މި ވަގުތު ދަތުރުކުރަމުން ދަނީ ބޮޑު ހަނގުރާމައަކާ ދިމާލަށް ކަމަށް ވިދާޅުވެ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގައި، ކުރިއަށް އޮތް އަހަރުގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އެހެން ޤައުމުތަކުން ބައިވެރިވެ، އެ ހަނގުރާމަ އެހެން ސަރަޙައްދުތަކަށް ފެތުރުމުގެ ބިރު ބޮޑު ކަމުގައެވެ.

"އަޅުގަނޑުމެން 2023 މި ފެށީ ބޮޑު މައްސަލަ ގަނޑަކާއި، ބޮޑެތި ގޮންޖެހުންތަކަކާ އެކު. މިއީ، އަޅުގަނޑުމެންގެ މުޅި ހަޔާތުގައި ވެސް ކުރިމަތިވެފައިވާ އެންމެ ހައްސާސް ވަގުތު. އަޅުގަނޑުމެންނަށް މި ތިބެވެނީ ފުން ނިންޖެއްގެ ތެރޭގައި ތާށިވެފައި. މިއީ، އެ ނިދިން އަޅުގަނޑުމެން ހޭލަންޖެހޭ ވަގުތު،" ގުތެރޭޝް ވިދާޅުވިއެވެ.

"ޑޫމްސްޑޭ ކްލޮކް" ނުވަތަ ނިއުކްލިޔަރ ހަނގުރާމައެއް ފެށޭނެ ކަމަށް ލަފާކުރާ ވަގުތު ދައްކުވައިދޭ ގަޑީގައި ބާކީ އޮތީ 90 ސިކުންތު ކަމުގައި ސައިންސްވެރިންނާއި މާހިރުން އިންޒާރުދީފައިވާ ކަން ފާހަގަކުރައްވާ ގުތެރޭޝް ވިދާޅުވީ މިއީ، އެ ފަދަ ފަނާކުރަނިވި ހަނގުރާމައެއް ފެށުމާ ދުނިޔެ އެންމެ ގާތަށް ޖެހުނު ވަގުތު ކަމުގައެވެ. އަދި، އެ ފަދަ ހަނގުރާމައެއް ފަށައިފިނަމަ، މުޅި އިންސާނިއްޔަތު ނެތި، ފަނާވެދާނެ ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ.

ބައިނަލްއަޤުވާމީ މަސްރަޙުން މި ވަގުތު އެންމެ ފުރަތަމައަށް ހައްލުކުރަން ޖެހިފައި އޮތް މައްސަލައަކީ، އެއް އަހަރު ފުރުވާ ގާތްވެފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުން ކަމުގައި ގުތެރޭޝް ވިދާޅުވިއެވެ. ނަމަވެސް، ސުލްޙައަށް ވާސިލުވެވޭނެ ކަމުގެ އުންމީދު ދުވަހެއްދުވަހަކަށް ކުޑަވަމުންދާ ކަމުގައި ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ހަނގުރާމައިގެ މައިދާން އިތުރަށް ގޯސްވުމުގެ ފުރުޞަތު މާ ބޮޑު،" އޭނާ ވިދާޅުވިއެވެ.

ރަޝިޔާ ރައީސް ވްލަޑިމިޔަރ ޕުޓިން އޭނާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައިގައި ލިބުނު ބައެއް ނާކާމިޔާބީތަކާ ގުޅިގެން، ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމަކީ ވެސް އޮތް ފުރުޞަތެއް ކަމަށް ވިދާޅުވެ، ޕުޓިން މީގެ ކުރިން އިންޒާރު ދެއްވާފައިވެއެވެ.

ޔޫކްރެއިން ހަނގުރާމައިގެ އިތުރުން، ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ވެސް ގުތެރޭޝް އަލިއަޅުއްވައިލެއްވިއެވެ. އަދި، އަފްޣާނިސްތާނާއި، މިޔަންމާގެ އިތުރުން ސަހިލާއި ހެއިޓީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި، ސުލްޙަ ގެނައުމަކީ އ.ދ.ގެ އެންމެ މައި ޒިންމާ ކަމުގައި އޭނާ ވިދާޅުވިއެވެ. އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަގީރުކަމާއި ބަނޑުހައިހޫނު ކަން އިތުރުވެއްޖެ ކަމާއި، މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ބޮޑުވެފައިވާ ކަން ފާހަގަކުރައްވައި ގުތެރޭޝް ވިދާޅުވީ، އިޤުތިޞާދީ އަދި މާލީ ނިޒާމުގައި ބޮޑު މައްސަލައެއް އޮތް ކަމުގައެވެ. އަދި، ސިޔާސީ ވެރިން އަބަދުވެސް ވިސްނަނީ ކުރިމަތީގައި އޮންނަ އިންތިޚާބަކާ މެދު އެކަނި ކަމުގައި ވިދާޅުވެ، ޤައުމުތަކުގެ ސިޔާސީ އިސްވެރިންނަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

އިންސާނީ ތަރައްޤީ، ޞިއްޙަތު، ތަޢުލީމު، އަދި ދިރިއުޅުމުގެ ފެންވަރުގެ ދާއިރާއިން ދުނިޔެ ފަސް އަހަރު ފަހަތަށް ދަތުރުކޮށްފައިވާ ކަމުގައި އ.ދ.ގެ ތަރައްޤީއާ ބެހޭ ޕުރޮގުރާމުން އަންދާޒާ ކޮށްފައިވާ ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ. އަދި، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އޮޔާދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "މި ކަންކަމާ މެދު ވިސްނައި، ފިކުރުކޮށް، އަމަލުކުރަންވީ ވަގުތަކީ މިއީ،" ގުތެރޭޝް ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުސުމީ ބަދަލުތަކާ ބެހޭ މަހާސިންތާއަށް ވެސް އޭނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ވިދާޅުވީ، ތިމާވެށި ހިމާޔަތްކޮށް މޫސުމީ ބަދަލުތައް ކުޑަކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ އެއްވެސް ޤައުމެއްގެ އިސްވެރިޔަކު އެ ސަމިޓުގައި ބައިވެރިވުމުގެ ބޭނުމެއް ނެތް ކަމުގައެވެ. "އެ ފަދަ ލީޑަރުން ސަމިޓަށް އަންނާނެ ކަމެއް ނެތް،" ގުތެރޭޝް ވިދާޅުވިއެވެ.