ދުނިޔޭގެ ވިޔަފާރި

ޕާމް އޮއިލް އެކްސްޕޯޓްކުރުމުގެ ބައެއް ހުއްދަތައް އިންޑޮނޭޝިޔާއިން ހިފަހައްޓަނީ


ކައްކާ ތެލުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި އެތެރޭގެ ބޭނުމަށް ފުދޭވަރަށް ސަޕްލައި ބެހެއްޓުމުގެ ބޭނުމުގައި ޕާމް އޮއިލް އެކްސްޕޯޓް ކުރުމުގެ ބައެއް ހުއްދަތައް ހިފަހައްޓާނެކަމަށް އިންޑޮނޭޝިއާގެ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުގެ ކަމާއިބެހޭ އޮފިޝަަލަކު ވިދާޅުވީ ޕާމް އޮއިލް އެކްސްޕޯޓްކުރާ ފަރާތްތަކުން މިދިޔަ އަހަރު ބޮޑެތި ޝިޕްމަންޓްގެ ކޯޓާތައް ޖަމާކޮށްފައިވާއިރު، އެތެރޭގެ ބާޒާރަށް ސަޕްލައި ކުރުމުގެ ވިސްނުން މިހާރު އެމީހުންގެ ކުޑަކަމަށެވެ.

ޑޮމެސްޓިކް މާކެޓް އޮބްލިގޭޝަން، ޑީއެމްއޯގެ ދަށުން އިންޑޮނޭޝިއާއިން ޕާމް އޮއިލް އުފައްދާ ކުންފުނިތަކަށް އެކްސްޕޯޓް ހުއްދަ ދެނީ އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ އެތެރޭގެ މާކެޓަށް މިހާރުވެސް ވިއްކާފައިވާ ކުންފުނިތަކަށެވެ. އަދި މިހާރު ޑީއެމްއޯއިން އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެނީ ކުންފުނިތަކުން އެމީހުންގެ ގައުމުތަކުގައި ވިއްކާފައިވާ މިންވަރަށް ވުރެ 6 ގުނަ އިތުރަށެވެ.

ކޯޑިނޭޓިންގ މިނިސްޓަރު ފޯ މެރިޓައިމް އެފެއާޒް އެންޑް އިންވެސްޓްމަންޓް ލުހުތު ވިދާޅުވި އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެ އެކްސްޕޯޓް ހުއްދަ ބޭނުން ކުރެވޭނީ މިހާރުގެ ހާލަތު ހަމައަކަށް އެޅުވުމަށް ފަހުކަމަށެވެ. ފިރުމާން ހިދާޔަތު ވިދާޅުވި ގޮތުގައި މިހާރު ހުރި އެކްސްޕޯޓް ކޯޓާގެ ތިންބައިކުޅަ އެއްބައި މިހާރު ބޭނުންކުރެވޭއިރު ބާކީ ހުރި ކޯޓާތައް ބޭނުންކުރެވޭނީ އަންނަ މެއި މަހުގެ 1 ވަނަ ދުވަހުގެ ފަހުންނެވެ.

އޭނާ ވިދާޅުވީ ޖެނުއަރީ މަސް ނިމުނުއިރު އެކްސްޕޯޓްކުރާ ފަރާތްތަކުގެ އަތުގައި ގާތްގަނޑަކަށް 5.9 މިލިއަން ޓަނު ޕާމް އޮއިލް އެކްސްޕޯޓު ކުރެވޭނޭ ވަރަށް އެކްސްޕޯޓް ހުއްދަތައް ހުންނާނެކަމަށެވެ. އަދި އެތެރޭގެ މާކެޓަށް ސަޕްލައި ކުރާނަމަ އެކްސްޕޯޓަރުންނަށް ކޯޓާ އިތުރު ކުރެވިދާނެ ކަމަށްވެސް ހިދާޔަތު ވިދާޅުވިއެވެ.

ރީޓެއިލް ވިޔަފާރިވެރިން ބުނާ ގޮތުގައި ހެޔޮ އަގުގައި ކެއްކުމަށް ބޭނުންކުރާ ތެލުގެ ޕެކޭޖުތައް ހޯދަން އުނދަގޫވެ، ރެގިއުލޭޓްކޮށްފައިވާ އަގަށް ވުރެ މަތީގައި ވިއްކަން ވަނީ މަޖުބޫރުވެފައެވެ. އެމީހުން ބުނާ ގޮތުގައި ކެއްކުމަށް ބޭނުންކުރާ ތެޔޮ ކޮންޓެއިނަރުތައް ކުޑަ އަގެއްގައި ހޯދުމަކީ އުދަގޫކަމެކެވެ. އެހެންކަމުން ތެޔޮ ލީޓަރަކަށް 14،000 ރުޕީސް ނުވަތަ 0.93 އެމެރިކާ ޑޮލަރު ކަނޑައެޅިފައިވާ އޮތް ނަމަވެސް އެ އަގަށްވުރެ ބޮޑުކޮށް ވިއްކަން އެމީހުންނަށް ވަނީ މަޖުބޫރު ވެފައެވެ.

ޕާމް އޮއިލް ކުންފުނިތަކަށް އޭޕްރީލް މަހުގެ ނިޔަލަށް މަހަކު 450،000 ޓަނުގެ ޑޮމެސްޓިކް ސަޕްލައި އިތުރުކުރުމަށް އަންގާފައިވާކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިދިޔަމަހު ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާ ޕާމް އޮއިލް ބޯޑުގެ ޗެއާމަން ސަހަތު ސިނާގާ ވިދާޅުވި ގޮތުގައި ކުންފުނިތަކުން އެކްސްޕޯޓް ހިފަހައްޓަމުން އަންނަނީ، ދުނިޔޭގެ ބާޒާރުގެ އަގުތައް ދަށްވުމާއި އެކްސްޕޯޓް ފީ ބޮޑުވުމުންނެވެ.

މިދިޔަ އަހަރު ޕާމް އޮއިލްގެ އަގު ވަރަށް ބޮޑަށް އުފުލުމަށްފަހު، މެލޭޝިއާގެ ބެންޗްމާކް ޕާމް އޮއިލްގެ އަގު ފަހުން ވަނީ %40 އަށް ވުރެ ދަށަށް ގޮސްފައެވެ.