ޚަބަރު

ބިންހެލުންތަކުގައި ތުރުކީވިލާތާއި ސޫރިޔާއިން މަރުވި މީހުންގެ ޢަދަދު 2,200ން މައްޗަށް


ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި މަރުވި މީހުންގެ ޢަދަދު 2,200 އަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ، ފާއިތުވި 100 ވަރަކަށް އަހަރުގެ ތެރޭގައި ތުރުކީވިލާތައް އައިސްފައިވާ އެންމެ ނުރައްކާތެރި ބިންހެލުންތަކެވެ.

ފުރަތަމަ ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ. އަދި، އެ ހެލުމުގައި ބިމާ ހަމަވި ޢިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގެ ދެވަނަ ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ.

ފިނިގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތަކެއް ހާސް ބަޔަކު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ދެވަނަ ބިންހެލުމުގައި ލިބިފައިވާ ގެއްލުން އަންދާޒާ ކުރަން އަދި ނޭނގޭ ކަމުގައި ތުރުކީ ވިލާތުގެ އޮފިޝަލުން ބުނެއެވެ.

މި ބިންހެލުންތަކުގައި ތުރުކީވިލާތުން މަރުވި މީހުންގެ ޢަދަދު ވަނީ 1,498 އަށްވުރެ މައްޗަށް އަރާފައެވެ. ޢިމާރާތްތަކުގެ އިތުރުން މަގުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ތުރުކީވިލާތުގެ ދެކުނުގެ ބައެއް ހިސާބުތަކުން މުވާސަލާތީ ޚިދުމަތްތައް ވަނީ ކެނޑިފައެވެ.

ބިންހެލުމުގައި ސޫރިޔާގައި ވެސް 716 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި، ޢިމާރާތްތަކުގެ ދަށުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށާއި، މަރުވެފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

ފިނީމޫސުމާ އެކު ތުރުކީވިލާތުގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވުމުގެ ސަބަބުން، ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ވަނީ ދަށްވެފައެވެ. އަދި، ބިންހެލުން އައި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާތީ، މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ޓީމުތަކުގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.

މި ބިންހެލުމަކީ ތާރީޚީ ކާރިސާއެއް ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ސިފަކުރެއްވިއެވެ. 1999 ވަނަ އަހަރު ވެރިރަށް އިސްތަންބޫލްގެ އިރުމަތީގައި އޮންނަ މަރްމަރާ ކަނޑުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 17,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ސޫރިޔާގެ ސަރުކާރުން ބުނީ، ބިންހެލުމާ ގުޅިގެން ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެ، އަދި އެހެން ހާދިސާތަކުގައި 461 މީހުން މަރުވި ކަމުގައެވެ. އަދި، 1,326 މީހުންނަށް އަނިޔާވެފައިވާ ކަމުގައެވެ. ސޫރިޔާގައި ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަޙައްދުތަކުން ވެސް 255 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ.

ތުރުކީވިލާތުގެ ރަށެއް ކަމުގައިވާ ގައިއެންޓެޕް ކައިރިއަށް އައި މި ބިންހެލުމުގެ އަސަރު އަވަށްޓެރި ސައިޕްރަސްއާއި ލުބުނާނަށް ވެސް ކޮށްފައިވެއެވެ. ބިންހެލުމުގައި ތުރުކީވިލާތުގެ އަށް ޕުރޮވިންސަކަށް ގެއްލުން ލިބިފައިވާއިރު، ސޫރިޔާގެ ޙަމާ، ޙަލަބް އަދި ލަތާކިޔާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ރަށްތަކުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓިފައިވާ ކަމުގައި ސޫރިޔާގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް ޖަމުޢިއްޔާއިން ބުންޏެވެ.

ބިންހެލުމާ ގުޅިގެން ރައީސް ބައްޝާރުލް އަސަދު އޭނާގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. 2011 ވަނަ އަހަރު ވެސް ތުރުކީވިލާތަށް މި ފަދަ ބާރުގަދަ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި 500 އަށްވުރެ ގިނަ މީހުން މަރުވިއެވެ.