ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް އިނާމު ދޭނެކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓަކުން ކުރި ޓުވީޓެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
މުސްތަފާގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުން މިރޭ ކުރި ޓްވީޓްގައި ވަނީ ރައީސް ސާލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް 50 ހާސް ރުފިޔާގެ އިނާމެއް ދޭނެކަމަށްވެސް ބުނެފައެވެ.
ފުލުހުން ބުނީ މި ޓްވީޓްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރައީސް ސާލިހުގެ މޫނަށް ކުޅުޖަހާ މީހަކަށް އިނާމު ހުށަހަޅާނެކަމަށް ބުނެ ޓްވީޓްކުރި މައްސަލަ ބަލަން ފަށާފައިވާއިރު، ރައީސް ސާލިހުގެ ވެރިކަން ލޭއޮހޮރުވުމަކުން ނަމަވެސް ބަދަލުކުރަން ހިތްވަރުދޭ ގޮތަށް މާލެ ސިޓީގެ ތަރުޖަމާނު ކުރި ޓްވީޓެއްގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ސޯޝަލް މީޑިއާގައި ހަމަނުޖެހުމާއި އަނިޔާވެރިވުމަށް ހިތްވަރުދީ ދައްކާ ވާހަކަތަކުގެ މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންނެވެ.