ޚަބަރު

ވެލި ފުނިތަކެއް ސާފުކުރަނިކޮށް ބުދެއްގެ ބައިތަކެއް ފެނިއްޖެ


ލ.ގަމުގައި މަސައްކަތެއް ކުރުމަށް ވެލި ފުނިތަކެއް ސާފުކުރަނިކޮށް އެތައް ޒަމާނެއްވެފައިވާ ބުދެއްގެ ބައެއް ފެނިއްޖެއެވެ.

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރުު، 1153 ވަނަ އަހަރު ރާއްޖޭ އިސްލާމުވުމުގެ ކުރީގައި ރާއްޖޭގައި އެކި ދީންތަކަށް އުޅެފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އަދި އެކަން ރާއްޖޭގެ ތާރީޚީ ފަތްފުއްތަކުންވެސް އިނގެން އެބަހުއްޓެވެ.

ލ.ގަމު ކައުންސިލުން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މި ބުދު ފެނިފައިވަނީ ގަމު މުކުރިމަގުން އަލަށް ގޯތި ދިން ސަރަޙައްދުން ކަމަށެވެ. އަލަށް ގޯތި ދިން ސަރަޙައްދުގައި، އިހުޒަމާނުއްސުރެ ހުރި ދެ ފަސްފުނިން ފަސްފުންޏަކުންކަމަށެވެ.

އެގޮތުން ގޯތި ދިން ސަރަޙައްދުގެ މަގުތައް ހަދަން އެތަނުން އެއް ފަސްފުނި ދުރަށް ޖައްސަން ކޮނުނީ މީގެ ދެ މަސް ކުރިންކަމަށެވެ. އަދި މި ބުދު ފެނިފައިވަނި ކޮނުނު ފަސްތައް އެހެން ހިސާބަކަށް ގެންދިއުމަށް ފަސްގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށްކަމަށް ކައުންސިލުން މަޢުލޫމާތުދިނެވެ.

މި ބުދު ފެނުމާއެކު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. 7 އިންޗިހުރި މި ބުދަކީ މީގެ 900 އަހަރެއްހާ ކުރީގެ ބުދެއްކަމަށް ބެލެވޭކަމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ބުނެއެވެ.

ފެންނަ ފެނުމަށް މި ބުދު ހަދާފައިވަނީ ހިރިގަލާއި އުވަ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.

މީގެ ކުރިންވެސް ލ.އަތޮޅުން މިފަދަ ތަކެތި ފެނިފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރުވެސް ލ.ކަލައިދޫއިން މިފަދަ ބުދެއް ފެނުނެވެ. އަދި ރާއްޖޭގެ ތާރީޚީ ލިޔުންތަކަށް ބަލާއިރު ރާއްޖެ އިސްލާމްވުމުގެ ކުރީގައި އެ އަތޮޅުގައި ބުދު ދީނަށް އަޅުކަން ކުރިކަމަށް ފެންނަ ނިޝާންތައް އެބަހުއްޓެވެ. އަދި ލ.އަތޮޅުގެ ބައެއް ރަށްތަކާ ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ހުރި ހަވިއްތަތަކީވެސް މިފަދަ ސަރަޙައްދުތުތައް ނައްތާލުމަށް ޖަހާފައިވާ ފަސް ފުނިތަކެއްކަމަށް ކިޔާއުޅެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މި ބުދު ފެނުނުކަމަށް ބެލެވޭ ފަސް ފުނިން އިތުރަށް ކޮނުނުއިރު ރާނާފައިވާ ފާރުކޮޅު ފަދަ ތަންތަން ފެންނަން އެބަހުރިކަމަށެވެ.

މި ބުދު މިހާރު ވަނީ ގަމު ކައުންސިލާ ހަވާލުކޮށްފައެވެ. ކައުންސިލުން ވިދާޅުވީ މިއާމެދު ކަން ކުރާނެ ގޮތެއް ބެލުމަށް ތާރީޚާއި ތަރިކަ ރައްކާތެރިކުރާ ޤާއުމީ މަރުކަޒާއެކު ވާހަކަ ދައްކަވަމުންދާކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މިއާއިމެދު ޢަމަލުކުރާނީ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނާއި އެއްގޮތަށްކަމަށެވެ. އެގޮތުން ވަގުތީގޮތުން ކައުންސިލްގެ ބެލުމުގެ ދަށުގައި ބޭއްވުމަށް މިހާރު އަންގާފައިވާކަމަށާއި އަދި މިއީ ރާއްޖޭގެ ތާރީޚާ ގުޅޭ ކަމަކަށްވާތީ މިއާއި ގުޅޭ މަޢުލޫމާތު އެއްކުރާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.