ޚަބަރު

ބީއެމްއެލްގެ މުސާރަތަކުގެ ތަފްސީލް ދޭން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފި


މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މައުލޫމާތުތަކެއް ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، އައިކޮމްއިން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ބީއެމްއެލްގެ މުވައްޒަފުންނަށްދޭ މުސާރައިގެ ތަފްސީލްތައް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބީއެމްއެލްއަށް އެންގުމުން، އެ އެންގުން ބީއެމްއެލްއިން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ނިންމެވި ނިންމެވުމުގައެވެ.

ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމާއި މުސާރައިގެ ތަފްސީލުތައް ހޯދަން އަހުމަދު އައިމަން ނަމަކަށް ކިޔާ މީހަކު ބީއެމްއެލްގައި އެދުނީ 2020 ވަނަ އަހަރުއެެވެ. ނަމަވެސް ބީއެމްއެލްއިން ވަނީ އެ މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދާފައެވެ.

ބީއެމްއެލްއިން މައުލޫމާތު ހާމަނުކުރުމުން އައިމަންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށްއެ މައްސަލަ ހުށަހެޅުމުން، އެ އޮފީހުން ނިންމީ އެ މައުލޫމާތު ބީއެމްއެލްއިން ހާމަކުރަންޖެހޭނެކަމަށެވެ. ނަމަވެސް ބީއެމްއެލްއިން ވަނީ އެ މައުލޫމާތު ހާމަނުކޮށް، އައިކޮމްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފްކުރުމުން ކޯޓުން މިއަދު ކުރި ހުކުމްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއްކަމަށް ބެލެވޭނެކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބީއެމްއެލްއަކީ ބޭންކިން ހިދުމަތް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި އެހެންކަމުން އެ ކުންފުނީގެ މައްޗަށްވެސް އެ ގާނޫނު ހިންގޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

ހައިކޯޓުގެ ހުކުމްގައި ވިދާޅުވީ ބީއެމްއެލްގެ މުސާރަ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ބާތިލްކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިމަން ހޯދަން އެދުނު މައުލޫމާތުތަކަކީ ދޫނުކުރެވޭނެ މައުލޫމާތުތަކެއް ނޫންކަމަށްވެސް ހުކުމްގައިވެއެވެ.

މީގެއިތުރުން ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިނގާނެ ކަމަށް އައިކޮމްއިން ހެދި ގަވާއިދުގައި ލިޔެފައި އޮތުމަކީ ވެސް ގާނޫނާ ޚިލާފް ކަމެއް ނޫންކަމަށްވެސް ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމްގައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން މަޒީދެވެ.