ޚަބަރު

"އުމުރާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރާ ބަޔަކަށް ކުދިން ވާންޖެހޭ"


ކުދިންގެ އުމުރާ ގުޅޭ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލު ކުރުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ މިފަދައިން އިލްތިމާސް ކުރެއްވީ ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ 95 ވަނަ "ފުރާވަރު ކޭމްޕް" ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ "ފުރާވަރު ކޭމްޕް"އަކީ ވަރަށް މާތް މަޤްޞަދެއްގައި ފުލުހުން ކުރިއަށް ގެންދާ ކޭމްޕެއްކަމާއި، މި ކޭމްޕުގެ މަޤްޞަދަކީ ސްކޫލް ދަރިވަރުންނަކީ އަޙުލާޤީގޮތުން ހެޔޮލަފާ ދަރިވަރުންތަކަކަށް ހެދުންކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ވަނީ ދަރިވަރުންނަކީ ރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން، ކުދިންގެ އުމުރާ ގުޅޭ އެންމެހައި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލު ކުރާ ދަރިވަރުންތަކަކަށްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އަދި މުދައްރިސުން ދޭ މުހިންމު އިރުޝާދުތަކަށް ފުރިހަމައަށް ތަބަވާ ދަރިވަރުންތަކެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ ދަރިވަރުންނަށް ގޮވާލައްވާފައެވެ.

"ކޭމްޕުން ދަސްވި ފިލާވަޅުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަން. އެކަކު އަނެކަކާ ބައްދަލުވާ ހިނދު އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވުމަކީ ކޭމްޕުގައި ދަރިވަރުން ޕްރެކްޓިސްކުރި ވަރަށް މުހިންމު ކަމެއް. ކުރިއަށް އޮތްތަނުގައިވެސް، އިސްލާމީ ރިވެތި ސަލާމުން ސަލާން ގޮވާ ދަރިވަރުންތަކަކަށް ވާންވާނެކަމަށް އުއްމީދުކުރަން. އަދި ދަރިވަރުންނަކީ ދިރިއުޅުމުގެ އަދަބުތަކާއި، ރީތި އާދަތަކުގެ މަތީގައި ދިރިއުޅުން ކުރިއަށް ގެންދިއުމުގައި ސިފަވަންތަ ދަރިވަރުންގެ ގޮތުގައި ދެމިތިބޭނެ ކަމުގައި އުންމީދުކުރަން" އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

ކޭމްޕުން ދަރިވަރުންނަށް ވަރަށް ގިނަގުނަ ފިލާވަޅު ތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު އަމަލުތަކުން ދުރުހެލިވުމާއި ސައިބަރ ކުށްތަކުން ރައްކާތެރިވުމުގެ އިތުރުން، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށް ގޮވާލައްވާފައެވެ. އަދި ކޭމްޕުން ދަސްވި ކަންކަމުގެ އަލީގައި ސްކޫލު ދައުރު ނިމި، ޒިންމާދާރު އަދި ދިވެހި ޤައުމުދެކެ ލޯބިވާ ދަރިންތަކެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރާތަން ފެނުމަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނާ މުޚާތަބުކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މުދައްރިބުން ދައްކުވައިދިނީ ދަރިވަރުންގެ ޙައްޤުގައި ކުރިމަތިލާންޖެހުނު ކޮންމެކަމަކާވެސް، ވަރުބަލިކަމެއްނެތި ކުރިމަތިލުމުގެ ޤާބިލުކަން ކޮންމެ މުދައްރިބެއްގެ ކިބައިގައި ހުރިކަންކަމަށެވެ.

"މުދައްރިބުންވެސް ދާނީ ކޭމްޕުން މުހިންމު މައުލޫމާތުތަކެއް ހިފައިގެންކަން ޔަޤީންކުރަން. އެ މަޢުލޫމާތުތަކަކީ ބޭކާރު ގޮތުގައި ދޫކޮށްލެވޭ މަޢުލޫމާތު ތަކަކަށް ނުހެދުމަށް އަޒުމުކަނޑައެޅުމަށް މުދައްރިބުންނަށް އިލްތިމާސްކުރަން" އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

މި މަހު 2 އިން 4 އަށް ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕުގައި އެ ސްކޫލުގެ 39 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 93 ދަރިވަރުން ބައިވެރިވެ ކޭމްޕު ފުރިހަމަކޮށްފައިވެއެވެ.

މި ކޭމްޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ތަފާތު އެކި ޙާލަތްތަކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ހެދުމާ އަދި އިސްލާމްދީނުގެ އަގީދާގައި ސާބިތު ކަމާއެކު ހިފަހައްޓާ ދަރިވަރުންތަކަކަށް ހެދުމަށް މި ކޭމްޕުގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ޤައުމު ދެކެ ލޯބިވާ، ޤައުމަށް ތެދުވެރި ވަފާތެރި، އަދި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމަށްވެސް މި ކޭމްޕުގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް ތައާރަފުކޮށްދީ ގަޑިންގަޑިއަށް ކަންކަން ކުރުމަށާއި، ކުލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ސަމާލުކަންދިނުމާއި، ޒިންމާދާރުކަން އަދި މީހުންނަށް އިހުތިރާމުކުރުމާއި ތެދުވެރިކަން އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.