މިއަހަރުގެ ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ރައީސް ޢަބްދުﷲ ޔާމީން ނޫން އިތުރު ބޭފުޅަކަށް ނުދެއްވާނެކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ހަފްތާ ބަންދުގައި ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ހޯޕް ކޮންފަރެންސް ނިންމުމަށް ރޭ އާރޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެކޯލިޝަންގެ ދެ ޕާޓީއަށް ނިސްބަތްވާ އިސްވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނާއި ހަވާލުވެހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓް ކަނޑައަޅައި އެކަން މާކުރިން ނިންމާފައިވާކަމަށެވެ. އެގޮތުން ކުރިންވެސް ނިންމާފައިވާގޮތަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
"ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވިއިރު ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވެ އެމަނިކުފާނު ގެންދަވަނީ 11 އަހަރަށް ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭ ކަމަށް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަވާފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ޓިކެޓަށް ވާދަކުރާނެ އަދި ޓިކެޓްގެ ބޭނުމުގައި މަސައްކަތް ކުރާ ބަޔަކު ނެތްކަމަށެވެ. އެ ކޯލިޝަނުގެ އެންމެންގެ އަމާޒުވެސްހުރީ ރައީސް ޔާމީނާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަންކަމަށެވެ. ޕީޕީއެމްގެ ގޮފިތަކުގެ ރައީސުންނާއި، ކައުންސިލްތަކުގެ މެމްބަރުންނާއި، މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވި މިޖަލްސާގައި އެޕާޓީން ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އަތޮޅު ތެރޭގައި ކުރަންޖެހޭ މަސައްކަތްތައްވެސް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް މެމްބަރުންނަށް ދަންނަވާފައެވެ.