ޚަބަރު

"ބްލެކް ޕެންތާ 2" މިހާރު ޑިޒްނީ ޕްލަސް އިން ފެންނާނެ


މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެނައި މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ) އިން މިދިޔަ އަހަރު ނެރުނު އެންމެ ފަހު ފިލްމު "ބްލެކް ޕެންތާ : ވަކަންޑާ ފޯ އެވާ" ޑިޒްނީ ޕްލަސް އިން ސްޓްރީމް ކުރެވޭގޮތް ހަދައިފިއެވެ.

ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދި މި ފިލްމު ސިނަމާތަކުގައި އެޅުވުމަށްފަހު މިހާތަނަށްވެސް އާންމުންނަށް ބެލޭނެ ގޮތް ވަނީ ނުވެފައެވެ.

ރާޔަން ކޫގްލާ ޑައިރެކްޓްކުރި މި ފިލްމަށް ވަނީ 841.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އޭގެތެރޭގައި އެމެރިކާއިން ބޭރުން ލިބިފައިވަނީ 400 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

މި ފިލްމުން އަންނަނީ އެވޯޑު އިވެންޓުތަކުގައި ވެސް ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާ އެވޯޑަށް "ބްލެކް ޕެންތާ" ވަނީ ނޮމިނޭޓްވެފައެވެ. ބްލެކް ޕެންތާގައި އެކްޓަރު އެންޖެލާ ބެސެޓް ކުޅެފައިވާ ރޯލު ވަނީ އެންމެ މޮޅު ސަޕޯޓިން ރޯލަށް ނޮމިނޭޓްވެފައެވެ.

މިދިޔަ އަހަރު ދެއްކި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނުނު މާވެލް ސްޓޫޑިއޯސްގެ "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" އިން ބެލުންތެރިންނަށް މި ފަހަރު އެންމެ ބޮޑަށް މިސްވީ ފުރަތަމަ ބައިގައި އެންމެ ވަރުގަދަ ރޯލެއް ކުޅުނު އެކްޓަރު ޗާޑް ބޯޒްމަނެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވެފައެވެ. ނަމަވެސް އައު ފިލްމުގައި ބޯޒްމަން އަށް ޓްރިބިއުޓެއްދީ އޭނާގެ ހަނދާން އާކޮށް ދީފައިވެއެވެ.

ފުރަތަމަ ބައިވެސް ލިޔެ، ޑައިރެކްޓުކުރި ރަޔަން ކޫގްލާ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" ގައި ވެސް ކުރީ ފިލްމުގެ ބައެއް ކާސްޓުން ހިމެނެއެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ އަދި ޑަނާއީ ގުރީރާ ފަދަ ތަރިން ހިމެނެއެވެ.