ޚަބަރު

"ގަދަރް 2" ގެ އެކްޝަން މަންޒަރެއް ލީކުވެއްޖެ


ފިލްމު އެޅުވިތާ ގާތްގަނޑަކަށް 20 އަހަރު ފަހުން އުފައްދާ ފިލްމު "ގަދަރު" ގެ ދެވަނަ ބައިގެ އެކްޝަން މަންޒަރެއް ލީކުވެއްޖެއެވެ.

ދާދިފަހުން ފުރަތަމަ ޕޯސްޓަރުވެސް ދައްކާލާފައިވާ މި ފިލްމުގައި ސަނީގެ ތަޅާލުންގަނޑެއް ފެންނަ ސީންއެއް ވަނީ ލީކުވެފައެވެ. މި ވީޑިއޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ވައިރަލްވެފައިވާ ވީޑިއޯގައި ސަނީ ޑިއޯލް ފެންނަނީ ކަޅުކުލައިގެ ކުރުތާ-ޕަޖާމާއެއްގައި ގިނަ ބަޔަކާއި ކުރިމަތިލާތަނެވެ. އޭނާ ހަނގުރާމަ ކުރަމުންދާ ފިރިހެނުން ތިބީ ޚާކީ ކުލައިގެ ޔުނީފޯމްތަކެއްގައެވެ. އަދި ވަކިވަކި މީހުންނަކީ ފުލުހުންކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ކޮންތާކު ނަގާފައިވާ މަންޒަރުތަކެއް ކަމެއް ސާފެއްނުވެއެވެ. "ގަދަރު 2" މަންޒަރުތައް ވަނީ އިންޑިއާގެ މުމްބާއީ އަދި ޕަންޖާބްގައިވެސް ނަގާފައެވެ.

މި އަހަރުގެ އޮގަސްޓް 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ސަނީއާއެކު ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ވަނަ އަހަރު ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަދަރު 2" ގައި ވެސް ބަތަލާގެ ރޯލު ކުޅެފައި ވަނީ އަމީޝާ ޕަޓޭލްއެވެ.

ކުރީގެ ފިލްމުގައި ސަނީ އާއި އަމީޝާގެ ދަރިފުޅު ރޯލު ކުޅުނު ކުޑަކުއްޖާ، އުތުކާޝް ޝަރުމާ އައު ފިލްމުން ބޮޑު މީހެއްގެ ގޮތުގައި ފެންނާނެއެވެ. އުތުކާޝް އަކީ ފިލްމުގެ ޑައިރެކްޓަރުގެ އަނިލްގެ ދަރިއެކެވެ. މިހާރު އުމުރުން 28 އަހަރުގެ އުތުކާޝް ލީޑް އެކްޓަރެއްގެ ގޮތުގައި "ޖީނިއަސް" ކިޔާ ފިލްމަކުން 2018 ގައި ބޮލީވުޑަށް ނެރުނެވެ. އެ ފިލްމަކީވެސް އަނިލް ޑައިރެކްޓްކުރި ފިލްމެކެވެ.