ޚަބަރު

ނުހަދާނެ ކަމަށް އަޑު އަރާފައިވާ "ބޭޑް ބޯއީސް" 4 ވަނަ ބައި އިޢުލާނުކޮށްފި


ފްރެންޗައިޒް ފިލްމު "ބޭޑް ބޯއީސް" ގެ 4 ވަނަ ބައި ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. ވިލް ސުމިތާއި މާޓިން ލޯރެންސްގެ މި ފިލްމު އިއުލާނުކޮށްފައި މިވަނީ މި ފިލްމު ނަހަދާނެ ކަމުގެ ވާހަކަތަކެއް މިދިޔަ އަހަރު ދެކެވިފައި ވަނިކޮށެވެ.

މިކަން އިޢުލާންކޮށްފައި ވަނީ ސުމިތާއި ލޯރެންސް ފެންނަ އިންސްޓަގްރާމް ވީޑިއޯއެއްގައެވެ. ނަމަވެސް އަދި 4 ވަނަ ބައިގެ ނަން ހާމައެއް ނުކުރެއެވެ.

ސޮނީ ޕިކްޗާސް އިން ކަށަވަރުކޮށްދިން ގޮތުގައި މި ފިލްމު މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަން މަރުހަލާގައެވެ. "ބޭޑް ބޯއިސް 4" ޑައިރެކްޓްކުރާނީ 2020 ގެ "ބޭޑް ބޯއިސް ފޯ ލައިފް" ވެސް ޑައިރެކްޓްކުރި އާދިލް އާއި ބިލާލެވެ. އަދި މިއީ ހަމަ އެ ފިލްމުގެ ސްކްރިޕްޓު ލިޔުނު ކްރިސް ބްރެމްނާގެ ސްކްރިޕްޓަކަށް އުފައްދާ ފިލްމެއް ކަމަށްވެސް ސޮނީ ޕިކްޗާސް އިން ބުނެއެވެ.

މަޤުބޫލު ފްރެންޗައިޒެއްގެ ގޮތުގައި ބެލުންތެރިންގެ ބޮޑު މަޤުބޫލު ކަމެއް ލިބުނު "ބޭޑް ބޯއިސް" ގެ 3 ވަނަ ފިލްމު 2020 ވަނަ އަހަރު ގެނެސްދިން އިރު، މީގެ ދެވަނަ ބައި ގެނެސްދިނީ 2003 ވަނަ އަހަރުއެވެ. އަދި ފުރަތަމަ ފިލްމު ރިލީޒްކުރީ 1995 ވަނަ އަހަރުއެވެ.

މީގެ 3 ފިލްމު ރިލިޒްކުރި އިރު އެންމެ ފަހުން 2020 ވަނަ އަހަރު ދެއްކި "ބެޑް ބޯއީސް ފޯ ލައިފް" އަށް ބޮކްސް އޮފީހުގައި 426.5 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ 90 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.