ޚަބަރު

20 އަހަރު ފަހުން ސުބާޝްގެ ފިލްމެއް ޖެކީ އަށް


ބޮލީވުޑްގެ ތަރި ޖެކީ ޝްރޮފް އަށް މިމަހުގެ އެކެއްގައި 66 އަހަރު ފުރިފައިވާއިރު، ސޯޝަލް މީޑިއާ ވަނީ އެނާއަށް އުފަން ދުވަހުގެ ތަހުނިޔާގެ ޕޯސްޓުތަކުން ފުރިފައެވެ. އެ ޕޯސްޓުތަކުންވެސް ޕްރޮޑިއުސަރު ސުބާޝް ގާއީގެ ޕޯސްޓް ވަކިން ފާހަގަކޮށްލެވެއެވެ.

ސުބާޝްގެ ޕޯސްޓުގައި ޖެކީ އަށް އުފަން ދުވަހުގެ ތަހުނިޔާ އާއެކު އައު ފިލްމެއް ވެސް ވަނީ ހުށަހަޅާފައެވެ.

ސުބާޝްގެ ޕޯސްޓުގައި ވާ ގޮތުގައި އޭނާގެ ސްކްރިޕްޓަކަށް އޭނާގެ ޕްރޮޑަކްޝަން ހައުސް މުކްތާއާޓްސް އިން ޕްރޮޑިއުސްކުރާ ފިލްމެއް މިއަހަރު ޖެކީ އަށް ހުށަހަޅާނެއެވެ. ނަމަވެސް މި ފިލްމާއި ބެހޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ސުބާޝް އާއި ޖެކީގެ އެންމެ ފުރަތަމަ ފިލްމަކީ މީނާކްޝީ ޝެޝަރުދީ ލީޑް ރޯލުން ފެނުނު ފިލްމު "ހީރޯ" އެވެ. އެއީ ޖެކީގެ ފުރަތަމް ފިލްމެވެ. 1983 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ބޮކްސް އޮފީހުގައި މާބޮޑު ތަރުޚީބެއް ނުލިބުނު ނަމަވެސް ފަހުން ވެފައި ވަނީ ބޮކްސް އޮފީހުގެ ބޮޑު ހިޓަކަށެވެ.

އޭގެފަހުން "ކަރްމާ"، "ރާމް ލައްކަން"، "ސައުދާގަރު"، "ކަލްނާޔަކް" އަދި "ޔާދޭން" ފަދަ ފިލްމުތަކަކީ މި ދެމީހުން އެކުގައި މަސައްކަތް ކޮށްފައިވާ ފިލްމުތަކެވެ. ސުބާޝް އެންމެ ފަހުން އިޢުލާނު ކުރި މި ފިލްމު ވެގެންދާނީ 20 އަހަރަށްފަހު ޖެކީ އާއި ސުބާޝް އެކުގައި މަސައްކަތް ކުރާ ފިލްމަށެވެ. "ޔާދޭން" ރިލީޒްކޮށްފައި ވަނީ 2001 ވަނަ އަހަރުއެވެ.