ވިޔަފާރި

ކުންމިންގ ފެއާރގައި ތަކެތި ބައިވެރިކުރުމުގެ މުއްދަތު އިތުރުކޮށްފި


ކުންމިންގ ފެއާރގައި
ތަކެތި ބައިވެރިކުރަން ބޭނުންވާ ފަރާތްތަކަށް ދެއްވި މުއްދަތު މިމަހުގެ ނިޔަލަށް
އިތުރުކުރައްވައިފިއެވެ.



ސައުތު އޭޝިއާގެ
ޤައުމުތަކުގެ އުފެއްދުންތެރި ތަކެތި އެއްތަނަކުން ވިއްކުމަށް ކޮންމެ އަހަރަކުވެސް ޗައިނާގެ
ކުންމިންގައި ބާއްވަމުން އަންނަ މި ފެއާރގައި ތަކެތި ބައިވެރިކުރަން ބޭނުންވާ
ފަރާތްތަކަށް ހުޅުވާލެއްވި ފުރުޞަތު އިތުރުކުރެއްވީ ގިނަ ފަރާތްތަކެއްގެ އެދުމުގެ
މަތިން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު އާދަމް ތައުފީޤު
ވިދާޅުވިއެވެ.



އާދަމް ތައުފީޤު
ވިދާޅުވީ ފެއާރގައި ބައިވެރިކުރަން މިހާރުވެސް ގިނަ ފަރާތްތަކަކުން ތަކެތީގެ
ސާމްޕަލް ފޮނުވާފައިވާ ކަމަށާއި އެގޮތުން މިމަހުގެ 15 ވަނަދުވަހުގެ ނިޔަލަށް
ހަމަވެފައިވާއިރު، 40 އަށްވުރެ ގިނަ ފަރާތަކުން ސާމްޕަލްތައް ހުށަހަޅާފައިވާ ކަމަށެވެ. މިއަހަރުގެ ކުންމިންގ
ފެއާރގެ "ކަންޓްރީ އޮފް އޮނާ" ގެ މަޤާމް ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި
މި ޝަރަފާއެކު ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ބޮޑު ޖާގައެއް ލިބިފައިވާ
ކަމަށްވެސް އާދަމް ތައުފީޤު ވިދާޅުވިއެވެ.



ފެއާރގައި
ބައިވެރިކުރާ ތަކެތި މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައިގަނޑު ސަބަބަކީ ކުންމިންގ ފެއަރއަކީ ރާއްޖެއިން ބޭރުގައި އޮންނަ ފެއާރއަކަށް ވެފައި، ފެއާރގައި ބައިވެރިކުރާ ތަކެއްޗަކީ ވަކި ސްޓެންޑަޑެއްގައި
އުފައްދާ ބަންދުކުރެވިފައިވާ ތަކެތި ކަމުގައި ހެއްދެވުންކަމަށް އިކޮނޮމިކް
މިނިސްޓްރީން ވިދާޅުވެއެވެ. 



މި ފަހަރުގެ ކުންމިންގ ފެއާރގައި ރާއްޖެއިން ބައިވެރިވުމަށް ލިބިފައިވާ މި ފުރުޞަތަކީ ދިވެހިންގެ
އުފެއްދުންތައް މާރކެޓްކޮށް، އުފައްދާ ތަކެތި އިޝްތިހާރުކުރުމަށް ލިބިގެންދާ
ވަރަށް ބޮޑު ފުރުޞަތެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.



ކުންމިން ފެއަރއަކީ އޮންނާނީ އަންނަ ޖޫންމަހު ޗައިނާގެ ކުންމިންގައެވެ.