ޚަބަރު

ޚަބަރެއް ނުވެ 2 ދުވަސް، ހަސަންފުޅުބެ ހޯދުމުގައި މުޅި މަތިވެރި


އުމުރުން 73 އަހަރުގެ ޙަސަން އަލީ ނުވަތަ ހަސަންފުޅުބެގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް މަތިވެރި މީހުން ފެށީ އިއްޔެގެ ހެނދުނުއެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް ހެނދުނު 9:35 ހާއިރު އާއިލާއިންނެވެ. އެއާއެކު ހަސަންފުޅުބެގެ އާއިލާއާއި ރަށު ކައުންސިލާއި، މުވައްސާތަކާއި އަދި ރަށުގެ ކުދިބޮޑު އެންމެން ހަސަންފުޅު ހޯދުމަށް ނިކުތެވެ.

ރަށު ކައުންސިލްގެ ރައީސް އަސްލަމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަސަންފުޅުބެ އެންމެ ފަހުން ފެނިފައިވާކަން އެނގިފައިވަނީ ޖެނުއަރީ 31 ވީ އަންގާރަ ދުވަހު މެންދުރުފަހު 15:45ހާއިރު މަގުމަތިން ދިޔަ މީހަކަށްކަމަށެވެ. އަދި އޭގެފަހުން ހަސަންފުޅުބެ ފެނުނު އެއްވެސް މީހަކު ނެތްކަމަށް އޭނާ ބުންޏެވެ.

ރަށުގެ ރައްޔިތުންގެ އިތުރަށް ފުލުހުންނާއި އެމްއެންޑީއެފްއަށްވެސް ރިޕޯޓްކޮށް ހަސަންފުޅު ހޯދުމުގެ މަސައްކަތް ވަނީ ފުޅާކޮށްފައެވެ. މިހާތަނަށް ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭގެއާއި، ފަޅުގެތަކާއި، ރަށުގެ ވަލުތެރެއާއި ހުސް ހިސާބުތައްވެސް ބަލާފައިވެއެވެ. އަދި އެމްއެންޑީއެފްގެ ޑައިވަރުންނާއި، ރަށުގެ ޑައިވަރުންގެ އެހީއާއިއެކު ރަށު ފަޅުތެރެއާއި މޫދުގެ ސަރަޙައްދުތައްވެސް ދަނީ ބަލަމުންނެވެ.

މީގެއިތުރުން ހެލިކޮޕްޓަރުގެ އެހީގައި ކަނޑުގެ ސަރަޙައްދު ބެލުމަށް މަސައްކަތްކޮށްދިނުމަށް އެދި، އެމްއެންޑީއެފްގައިވެސް މިހާރު އެދިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހަސަންފުޅުބެއަކީ ލޭ މައްޗަށް ދާމީހެކެވެ. އެގޮތުން މިދިޔަ ހޮނިހިރު އޭނާ ރަށުގެ ޑޮކްޓަރަށް ދެއްކުމުން، ގަވައިދުން ލޭ ޓެސްޓުކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައިވެސްވެއެވެ. ނަމަވެސް އޭނާއަކީ ސިއްޙީގޮތުން އިތުރު ކަމެއް ހުންނަ މީހެއް ނޫންކަމަށާއި، އަމިއްލަށް ދިރިއުޅުމުގެ ކަންކަން ކުރެވޭ ހަށިގަނޑު ވަރުގަދަ މީހެއްކަމަށްވެސް އަސްލަމް ކިޔައިދިނެވެ.

ހަސަންދުޅުބެއަކީ ރަށުގެ ރައްޔިތުންނާ ގުޅޭ، މަޖާ ސަކަ މިޒާޖެއްގެ މީހެކެވެ. ރަށުގައި ރައްޔިތުން ނިކުމެ ކުރާ ކަންކަމުގައި ބައިވެރިވެ، އަދި އަމިއްލަ އިސްނެގުމަށްވެސް ރަށުގައި ކަންކަންކޮށް އުޅޭ މީހެކެވެ. އެގޮތުން އަމިއްލައަށް ނެޓު ހަދައިގެން، ބަނދަރު މޫދު ސަރަޙައްދުވެސް ސާފުކޮށްދޭކަމަށް އަސްލަމް ވަނީ ބުނެފައެވެ.

މީގެއިތުރުން ރަށުގައި މަސްވެރިކަމަށްދާ މީހުންނަށް ދަލާއި ބަރި ހަދައިދިނުމާއި، އަތްތެރި މަސައްކަތާއި ގުޅުންހުރި ކަންކަން ކުރެއެވެ.

ހަސަންފުޅުބެއަކީ މަހަށްގޮސް އުޅުނު މީހެއް ނަމަވެސް، އެނާ އެކަނި މަހަށް ނުނިކުންނާނެކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ.

ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވީ ހަސަންފުޅުބޭ އާއްމުންކޮށް ގެންގުޅޭ އެއްވެސް ސާމާނެއް މަދުނޫންކަމަށާއި، އެފަދަ ހުރިހާ އެއްޗެއްވެސް ދިރިއުޅޭ ގޭގައި އެބަހުރިކަމަށެވެ. ހަސަންފުޅުބޭގެ 10 ދަރިން އެބަތިއްބެވެ.

ހަސަންފުޅުބޭ ހޯދުމުގެ މަސައްކަތުގައި މުޅި މަތިވެރި ރޭވެސް އުޅުނީ ހޭލައެވެ. ހަސަންބެގެ ހިލަމެއްވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.