ޚަބަރު

ސްކޫލް ނިންމާ ގިނަ ކުދިން މަސައްކަތުގެ މާހައުލަށް ތައްޔާރެއް ނޫން: މިނިސްޓަރ


ސްކޫލް ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނިކުންނަ ގިނަ ކުދިން މަސައްކަތުގެ މާޙައުލަށް ތައްޔާރު ނޫންކަން ފާހަގަކުރެވޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިމައްސަލަ ޙައްލުކުރުމަށް ސްކޫލް ނިމުމުގެ ކުރިން ކުދިންނަށް ވަޒީފާގެ ޢަމަލީ ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދޭންޖެހޭކަމަށެވެ.

ސްކޫލް ކުދިންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކުރިއަށްގެންދިޔަ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލް ދައުރުގައި ކުދިންގެ ސަމާލުކަން ހުންނަނީ ހަމައެކަނި ފޮތްތަކާއި ސްކޫލްގެ ވެށީގެ ތެރެއިން ލިބިދޭ އެކި ފުރުސަތުތަކަށްކަމަށެވެ. އެހެންނަމަވެސް އޭގެ ބޭރަށް ވިސްނަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކަން އެންމެ ބޮޑަށް ފެނިގެންދަނީ ސްކޫލް ނިންމާ ދަރިވަރުން ވަޒީފާގެ މައިދާނަށް ނިކުމެ އޮފީސްތަކަށް ދާން ފެށުމުން އެމާޙައުލަށް ދަރިވަރުން ތައްޔާރުނޫންކަން އެނގުމުންކަމަށެވެ.

"އޮފީސްތަކުގައި މަސައްކަތް ކުރާއިރު ފާހަގަކުރެވޭކަމެއް ސްކޫލް ނިންމާ ދަރިވަރުން މަސައްކަތުގެ މާޙައުލަށް ދާއިރު އެމާޙައުލަށް ތައްޔާރު ނޫންކަން. ސްކޫލްގައި މިއޮންނަނީ ކިޔެވުމާއި ފޮތްތަކުގެ ހުންނަ ޢިލްމު ފޯރުކޮށްދިނުން. ޙަގީގީ މައިދާނުގައި ކިޔެވި އެއްޗެއް އެޕްލައި ކުރުމުގެ ފުރުސަތެއް ނޯވޭ. އެހެންކަމުން މިފަދަ އިންޓަރންޝިޕްތަކުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ހުނަރުތައް ދަސްކުރުން." މިނިސްޓަރ ވިދާޅުވިއެވެ

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އިންޓަރންޝިޕްގެ ތެރެއިން ކުދިންނަށް އޮފީސްތަކަށް ދާއިރު ހެދުން އެޅުމާއި ޢާއްމު އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާއި، ގަޑިއަށް ފަރުވާތެރިކޮށް ހިތުމާއި އެކި ވިސްނުމާއި ފިކުރުގެ އަދި އެކި ޢުމުރުގެ މީހުންނާއެކު އުޅެން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާކަމަށެވެ. މިނިސްޓަރ ވަނީ ބެލެނިވެރިންގެ ކިބައިންވެސް ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ކުދިންނަށް އެކި މަސއްކަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ އެމްޕީއެލްއިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތާއެއްގޮތަށް ޒުވާނުން ބިނާކުރުމުގެ ފުރުސަތުތައް ކުންފުނީގެ ތެރެއިން ފަހިކޮށްދިނުމަށްކަމަށެވެ. މިގޮތުން ސްކޫލް ކުދިންނަށް އަމާޒުކޮށް ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ އިންޓަރންޝިޕް އެކުންފުނިން ފެށިގެން ދިޔުމަކީ އެމްޕީއެލްގެ ހީވާގި ޓީމުގެ މަސައްކަތްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"މިއީ މިފަދަ ފުރަތަމަ އިންޓަރންޝިޕް ޕްރޮގްރާމް. އަޅުގަނޑުމެން މަސައްކަތް ކުރާނީ ކުރިއަށް އޮތްތަނުގައި މިޕްރޮގްރާމް މިހާރަށްވުރެ ފުޅާކޮށް ވީހާވެސް ގިނަ ކުދިންނަށް ރާއްޖޭގެ އެކި ޕޯޓުތަކުގައި ހުރި ފުރުސަތުތަކާއި އެމަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްޕީއެލްއިން މަސައްކަތްކުރާނަން." ޝާހިދު ވިދާޅުވިއެވެ.

މިދިޔަ އަހަރީ ޗުއްޓީގެ ތެރޭގައި މަތީ ސާނަވީ ސްކޫލް ކުދިންނަށް އަމާޒުކޮށް އެމްޕީއެލްއިން ކުރިއަށްގެންދިޔަ އިންޓަރޝިޕް ޕްރޮގްރާމްގައި ބައިވެރިވެ 10 ކުއްޖަކު ވަނީ ދަސްވެނިވެފައެވެ.

މިޕްރޮގްރާމްގެ ތެރެއިން މިކުދިންނަށް ވަނީ ސިވިލް އިންޖިނިއަރިންއާއ، އިލެކްޓްރިކަލް އިންޖިނިއަރިންއާއި، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ޕްރޮޖެކްޓް މެނޭޖްމަންޓްއާއި މެޝިން އެންޑް ފެބްރިކޭޝންގެ އިތުރުން ފޮޓޮގްރަފީއާއި ވީޑިއޯގްރަފީގެ ދާއިރާތަކުން ޢަމަލީ ތަޖުރިބާ ދަރިވަރުންނަށް ދީފައެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ އިންޓަރންޝިޕްގެ ތެރެއިން ދަރިވަރުން ތައްޔާރުކޮށްފައިވާ އެކި ޕްރޮޖެކްޓްތައް ދައްކާލާފައެވެ.