ވިޔަފާރި

ދިގު މުއްދަތުގެ ޗުއްޓީއަށް އިނގިރޭސިންނަށް އެންމެ ކަމުދަނީ ރާއްޖެ


އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ދިގު މުއްދަތަކަށް ޗުއްޓީ ހޭދަކުރަން އެންމެ ކަމުދާ މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.

މި ޝަރަފު ރާއްޖެއިން ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ފުޑް އެންޑް ޓްރެވަލް މެގަޒިން ރީޑަރ އެވޯޑްސް 2022 ގައެވެ.

ރާއްޖެއިން މި އެވޯޑު ހާސިލްކުރީ ކެނެޑާ، އިކުއެޑޯ، ފިޖީ، ޖަޕާން، ނަމީބިއާ، ސީޝެލްސް، ދެކުނު އެފްރިކާ، ދެކުނު ކޮރެއާ އަދި ދަ ކެރީބިއަން ފަދަ ޤައުމުތަކާ ވާދަކޮށްގެންނެވެ. ފާއިތުވި 25 އަހަރު ނެރެމުންދާ އިނގިރޭސިވިލާތުގެ ފުޑް އެންޑް ޓްރެވަލް މެގަޒިންއަކީ ދުނިޔޭގެ އެންމެ ނަގާކިޔޭ ޓްރެވަލް މަޖައްލާތަކުގެ ތެރޭގައި ހިމެނޭ މަޖައްލާއެކެވެ.

ގްރީން ޕީ ޕަބްލިޝިންގ ލިމިޓެޑުން ޝާއިއުކުރާ މި މަޖައްލާގެ 7 އިންޓަނޭޝަނަލް އެޑިޝަން ނެރެއެވެ. މި މަޖައްލާގެ ފުޑް އެންޑް ޓްރެވަލް މެގަޒިން ރީޑަރ އެވޯޑްސް އަކީ އެ މަޖައްލާ އުފެދުނު ދުވަހުން ފެށިގެން ހޮސްޕިޓަލިޓީ އާއި ޓްރެވަލް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ފުޑް އެންޑް ބެވަރެޖް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކާއި، ހިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑުގައި 23 ދާއިރާއަކުން އެވޯޑްދެއެވެ. އޭގެތެރޭގައި އެންމެ ރަނގަޅު ރެސްޓޯރަންޓް، ޝެފުންނާއި ހޮޓަލްތަކާއި މަންޒިލްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ކްރޫޒް ކުންފުނިތަކާއި އެއަރލައިންތައް ހިމެނެއެވެ.

އިނގިރޭސިވިލާތަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް ޤައުމެވެ. މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތަކީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ. އެގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް 10025 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖެއަކީ އަބަދުވެސް ދިގު މުއްދަތުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ޚާއްސަކޮށް ކޯވިޑް19 އާއިއެކު ދިގު މުއްދަތުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.