ޚަބަރު

އޮމާނުން ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަނީ


ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން، ޙާއްޞަކޮށް މަސްވެރިކަމާއި ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވާކަމުގައި އޮމާންގެ ސަރުކާރުން ހާމަކުރައްވައިފިއެވެ.އޮމާންގެ ސަރުކާރުގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ، އެ ޤައުމުގެ ސުޕްރީމް ކައުންސިލް ފޮރ ޕްލޭނިންގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ ސުލްތާންގެ ފަރާތްޕުޅުން ދުރުވި ޙާއްޞަ މަންދޫބު، ސުލްޠާން ބިން ސާލިމް އަލް-ހަބްސީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.އޮމާންގެ ސުލްތާންގެ ފަރާތްޕުޅުން ދުރުވި ޙާއްޞަ މަންދޫބު ވަނީ، ހިޒް މެޖެސްޓީ ސުލްޠާން ޤަބޫސް ބިން ސަޢިދުގެ ފަރާތްޕުޅުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ތަޙުނިޔާއާއި ހެޔޮއެދުންތަށް ރައްދުކޮށްދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އޮމާންގެ ޙާއްޞަ މަންދޫބު ވިދާޅުވީ އޮމާން ސަރުކާރުން ރާއްޖޭގައި ވިޔަފާރީގެ ދާއިރާއިން، ޙާއްޞަކޮށް މަސްވެރިކަމާއި ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވާކަމުގައެވެ.މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫންއާއި، ފޮރިން މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.