ޚަބަރު

އިދިކޮޅު ކޯލިޝަންގެ "ހޯޕް ކޮންފަރެންސް" ފަށައިފި


އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެޕްމެއިން ރަސްމީކޮށް ފެށުމަށް ކުރިއަށްގެންދާ "ހޯޕް ކޮންފްރެންސް" މިއަދު ފަށައިފިއެވެ. ޕީޕީއެމާއި ޕީއެންސީގެ 1000އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށި މި ކޮންފަރެންސް މިމަހުގެ 4އާއި ހަމައަށް ކުރިއަށް ދާނެއެވެ.

މިއަދު ދަރުބާރުގޭގައި މި ކޮންފަރެންސް ފަށްޓަވައިދެއްވީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ކޮންފަރެންސްގައި ޕީޕީއެމް ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާއި، ނާއިބު ރައީސުންނާއި، ޒުވާނުންގެ ރައީސުންނާއި އަންހެނުންގެ ދާއިރާތަކުގެ ރައީސުންނާއި، ސެނެޓަރުންނާއި، އެ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވަޑައިގަންނަވައެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއެމްގެ އެޑްވައިޒަރުންކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދާއި، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲވެސް ވާހަކަފުޅު ދެއްކެވިއެވެ.

ޕީޕީއެމް ޕީއެންސީގެ މި ކޮންފަރެންސްގައި އެ ކޯލިޝަންގެ ތަޞައްވުރާއި، އިޖްތިމާޢީ އީޤްތިޞާދީ ޙާލަތާއި، އިންސާނީ ހައްޤުތަކުގެ ދާއިރާތަކަށް އމާޒުކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އަދި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރުމަށް ސެޝަން ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.


ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް "ހޯޕް ކޮންފަރެންސް" ފަށާފައިވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރކުރި ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒްކުރަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ. މި ހުކުމުގެ ސަބަބުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެެއްވުމުގެ ފުރުސަތު ރައިސް ޔާމީނަށް ވަނީ ހަނިވެފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ އެއްވެސް ޙާލަތެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީންނަށް ވާދަނުކުރެވޭ އިންތިޚާބެއް ޤަބޫލުނުކުރާނެކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓްމެބަރު މަހުގެ 9 ވަނަދުވަހުކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އަދި އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު ޖުލައި 23ގައި ހުޅުވާލާނެންވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.