ޚަބަރު

މިނިސްޓަރ ނަހުލާ ގަލޭނާއަށް، ވިދާޅުވީ ދާއިރާއަށް ޒުވާނުންގެ ޝައުޤު އިތުރުކުރަންޖެހޭކަމަށް


މެރިޓައިމް ދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރިކުރުމަށްޓަކައި މަދުރަސީ ދައުރުން ފެށިގެން މިދާއިރާއާއި ގުޅޭ މަޢުލޫމާތު ކުދިންނަށް ދެވޭނެ މަގު ފަހިކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ޤައުމީ ޝިޕިންގ ކުންފުނީގެ ކާގޯ ބޯޓު އެމްއެސްއެސް ގަލޭނާއަށް ކުރެއްވި ޒިޔާރަތުގައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލޭނާއަށް ކުރެއްވި ޒިޔާރަތުގައި ބޯޓުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ ގަލޭނާ ފަދަ، ދިވެހިންގެ އަމިއްލަ އުޅަނދުތަކާއި ވަޞީލަތްތައް ހުރުމަކީ ޤައުމެއްގެ ނަޒަރުން ބަލާއިރު ވަރަށް މުހިއްމުކަމެކެވެ. އަދި މިދާއިރާތަކުގައި ޚިދުމަތުގެ ކުރީ ސަފުގައި ވީހާވެސް ގިނަ ދިވެހިން ތިބުމަކީވެސް މުހިއްމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޒުވާނުން މިދާއިރާއިން ބިނާކޮށް މަސައްކަތުގެ މައިދާނަށް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް މިނިސްޓަރ ނަހުލާ ވާހަކަފުޅުދެއްކެވިއެވެ.

ހަމައެއާއެކު މެރިޓައިމް ދާއިރާއަކީ ސްކޫލް ދައުރުން ފެށިގެން ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރި ދާއިރާއަކަށް ހެދުމަށް މަދުރަސީ ޙަޔާތުގައިވެސް މިދާއިރާއާއި ގުޅޭ މަޢުލޫމާތު އެކުދިންނަށް ލިބިދެވޭނެފަދަ ނިޒާމެއް ޤާއިމުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހުރިހާކަމެއްގައިވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ޤައުމީ ޝިޕިން ލައިނަށް އަބަދުވެސް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގަލޭނާއަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ ނަހުލާ ވަނީ ބޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަދި އިސްވެރިނާއި ބައްދަލުކުރައްވައި، ބޯޓުގެ އޮންބޯޑުގެ މަސައްކަތްތައް ހިނގާ ނުހިގާގޮތް ބައްލަވާލެއްވިއެވެ.

އެމްއެސްއެސް ގަލޭނާއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސަޢީދާއި އެމްއެސްއެސްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެސްއސް ގަލޭނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. މިބޯޓަކީ ޤައުމީ ޝިޕިން ލައިންއިން ރާއްޖެއަށް މުދާ އުފުލުމަށް ގެނައި ފުރަތަމަ އަމިއްލަ ބޯޓެކެވެ.