ޚަބަރު

އެމެރިކާގެ ބްލިންކަން ޔަހޫދީންގެ ބޮޑުވަޒީރުގެ އަރިހަށް


އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޔަހޫދީ އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައިފިއެވެ. މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ބްލިންކަން ނަތަންޔާހޫއާ ބައްދަލުކުރައްވާފައި ވަނީ ޤުދުޞްގައެވެ.

މި ބައްދަލުވުމުގައި ބްލިންކަން ވަނީ، ފަލަސްޠީނާއި އިސްރާޢީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، ސުލްޙަ ޤާއިމުކުރުމަށް ދެ ފަރާތަށް ގޮވައިލައްވާފައެވެ. ޔަހޫދީ އިސްރާޢީލުން މި ވަގުތު އުޅެނީ، ފަލަސްޠީނުގެ މުޖާހިދުން ދީފައިވާ ވަރުގަދަ ހަމަލާއަކުން އަރައިނުގަނެވިގެންނެވެ.

ޔަހޫދީންގެ ފައްޅިއަކަށް ފަލަސްޠީނުގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާގައި ޔަހޫދީންގެ ހަތް މީހުން ވަނީ މަރައިލާފައެވެ. އެ ހަމަލާއަކީ، ހުޅަނގު އައްސޭރީގެ ޖިނީންއަށް އަރައި ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލި 10 މީހުންނަށް އިންސާފު ހޯދައިދިނުމުގެ ގޮތުން، ބަދަލުހިފުމުގެ ގޮތުން މުޖާހިދުން ރާވައިގެން ހިންގާފައިވާ ހަމަލާއެކެވެ.

ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމުގައި ބްލިންކަން ވަނީ ހަމަޖެހުން ގެއްލޭފަދަ އިތުރު އަމަލެއް ނުކުރުމަށް ނަތަންޔާހޫއަށް އިރުޝާދު ދެއްވާފައެވެ. އަދި، ހަމަޖެހުން ގާއިމުކުރަން މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ. ނަމަވެސް، ފައްޅިއަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ފަލަސްޠީނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ މީގެ ކުރިން ވަނީ ދެއްވާފައެވެ.

ޖިނީންގައި ހިންގި ގަތުލުއާންމުތަކަށް ފަހު ޖަނަވަރީ 30 ވަނަ ދުވަހު ވެސް ޔަހޫދީންގެ ޓެރެރިސްޓު ސިފައިން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތެއް ޝަހީދުކޮށްލާފައެވެ. ޝަހީދުކޮށްލާފައި ވަނީ ބަސް ދުއްވާ ޑްރައިވަރެކެވެ. ޔަހޫދީ ސިފައިން ބުނީ، ބަސް ޑްރައިވަރަށް ހަމަލާދީ އޭނާ ޝަހީދުކޮށްލާފައި ވަނީ، ޔަހޫދީ ސިފައިންގެ މީހެއްގެ ގައިގައި ބަހުން ޖައްސަން މަސައްކަތް ކުރުމުން ކަމުގައެވެ.

ޔަހޫދީންގެ ޓެރެރިސްޓު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ޒުވާން އުމުރުފުރައިގެ ކުދިން ވެސް ހިމެނެއެވެ. ނަތަންޔާހޫގެ ސަރުކާރަކީ، ފަލަސްޠީނުގެ މުސްލިމުންގެ ލޭއޮހޮރުވައިލުމަށް ކެތްމަދުވެފައިވާ ސަރުކާރެކެވެ.

ބްލިންކަން ޤުދުޞަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރާމަاللهއަށް ވަޑައިގަންނަވައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާހާ ވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. ޤުދުޞްއަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ މިޞްރަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީއާ ބައްދަލުކުރައްވާފައެވެ.