ޚަބަރު

ޔޫކްރެއިނަށް އަސްކަރީ މަތިންދާބޯޓު ދިނުމުގެ ވިސްނުމެއް ނެތް: ބައިޑަން


ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެއްސޭނީ، އެ ޤައުމަށް ޒަމާނީ ބަރު ހަތިޔާރު ލިބުމުން ކަމުގައި އެ ޤައުމުން ދަނީ ބުނަމުންނެވެ. އަދި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ، އެ ފަދަ ހަތިޔާރު ފޯރުކޮށްދިނުމަށް އެދި ނޭޓޯގެ ޤައުމުތަކަށް ގޮވައިލައްވަމުންނެވެ. ބާރު އަޅުއްވަމުންނެވެ.

މި ގޮވައިލުމަށް އިޖާބަދިނުމުގެ ގޮތުން ނޭޓޯގެ ޤައުމުތަކުން ދާދިފަހުން ވަނީ 321 ހަނގުރާމަމަތީ ޓޭންކު ޔޫކްރެއިނަށް ފޮނުވަން އެއްބަސްވެ، އެ ކަން އިޢުލާނުކޮށްފައެވެ. އެއީ ޒަމާނީ ފަހުގެ ޓޭންކުތަކެކެވެ. އެމެރިކާގައި އުފައްދާ "އެބްރާމްސް" މަރުކާގެ ޓޭންކާއި، އިނގިރޭސިވިލާތުގައި އުފައްދާ "ޗެލެންޖަރ 2" މަރުކާގެ ޓޭންކުގެ އިތުރުން ޖަރުމަނުވިލާތުގައި އުފައްދާ "ލެޕަޑް 2" މަރުކާގެ ޓޭންކުތަކެވެ.

ޒެލެންސްކީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ފަހުގެ ޒަމާނީ ދުރުރާސްތާ މިސައިލާއި އަސްކަރީ މަތިންދާބޯޓު ވެސް ހޯދުމަށެވެ. ޔޫކްރެއިނަށް އަރައި ރަށްތައް ހިފައި، ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލެވޭނީ، އަދި ކުރި ހޯދޭނީ، އެ ފަދަ ހަތިޔާރު ލިބިގެން ކަމުގައި ވިދާޅުވަމުންނެވެ. ނެޓޯގެ ޤައުމުތަކުން މިހާރުވެސް ވަނީ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު އެ ޤައުމަށް ފޮނުވާފައެވެ.

ނަމަވެސް، ޔޫކްރެއިނަށް އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ދެކޮޅު ހައްދަވާފައެވެ. ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބައިޑަން ވިދާޅުވީ، ޔޫކްރެއިނަށް އެމެރިކާގައި އުފައްދާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވުމުގެ ވިސްނުމެއް ނެތް ކަމުގައެވެ.

ޔޫކްރެއިނުން ބޭނުންވަނީ އެމެރިކާގައި އުފައްދާ ހަތަރުވަނަ ޖެނެރޭޝަންގެ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓެވެ. އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ހޯދަން ޔޫކްރެއިނުން މަސައްކަތް ކުރަމުންދާ ކަން އެ ޤައުމުގެ ދިފާޢީ ވަޒީރު އޮލެކްސީ ރެޒްނިކޮފްގެ އިސް މުޝީރެއް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، އެ މަރުކާގެ އަސްކަރީ މަތިންދާބޯޓު ޔޫކްރެއިނަށް ފޯރުކޮށްދޭނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ ނޫން ކަމުގައެވެ.

އެމެރިކާއިން މިކަމަށް ދެކޮޅު ހަދަމުންދިޔަ ނަމަވެސް، ފަރަންސޭސިވިލާތާއި ޕޮލެންޑުން ވަނީ އެ ޤައުމަށް އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި، މި ހަފުތާގެ ތެރޭގައި ރެޒްނިކޮފް ފަރަންސޭސިވިލާތަށް ވަޑައިގަންނަވައި، އަސްކަރީ މަތިންދާބޯޓު ހޯދުމާ ގުޅޭގޮތުން އެ ޤައުމުގެ ރައީސް އެމަނުއެލް މެކްޚޯންއާ މަޝްވަރާ ކުރައްވާނެއެވެ.

ނަމަވެސް، ފަރަންސޭސިވިލާތުން ޔޫކްރެއިނަށް އެ ފަދަ ހަތިޔާރުކޮށްދޭނީ ޝަރުޠުތަކަކާ އެކުގައެވެ. މީގެ ތެރޭގައި، ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ހަމަލާދިނުމަށް އެ ފަދަ ހަތިޔާރު ބޭނުން ކުރުން މަނާ ކުރުން ހިމެނެއެވެ. އަދި، އެ ފަދަ ހަތިޔާރު ބޭނުންކޮށްގެން، ހަނގުރާމައިގެ މަސްރަޙު އިތުރަށް ގޯސްވާނެ ފަދަ އަމަލެއް ނުހިންގޭނެއެވެ.

ނޭޓޯއިން ޔޫކްރެއިނަށް ޒަމާނީ ހަނގުރާމަމަތީ ޓޭންކު ފޮނުވުމަކީ، ނޭޓޯއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވުމުގެ ގޮތުގައި ދެކޭނެ ކަމަށް ބުނެ ރަޝިޔާއިން ވަނީ އިންޒާރުދީފައެވެ. އެ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަށް ފަހު، ޔޫކްރެއިނަށް ޓޭންކުތައް ފޮނުވަން ނޭޓޯގެ ޤައުމުތަކުން ނިންމުމުން ރަޝިޔާއިން ވަނީ މި ކަމާ ހިތްހަމަނުޖެހިފައެވެ. އަދި، ބަދަލުހިފުމުގެ ގޮތުން ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކަށް މިސައިލް ހަމަލާދިނުން އިތުރުކޮށްފައެވެ.

ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދުތައް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ މަސައްކަތްތައް ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ޑޮނެޓްސްކްގެ ބޮޑު ބައެއް މިހާރު ވެސް އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. އަދި، ޑޮނެޓްސްކްގެ އިތުރު ރަށްތައް ކަމުގައިވާ ބަޚްމުތާއި، ސޮލޭދާރްގެ އިތުރުން ވޫލެދާރް ހިފުމަށް ރަޝިޔާގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސޮލޭދާރު މިހާރު އޮތީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި، ވޫލެދާރްގެ ބައެއް ސަރަޙައްދުތަކަށް ވެސް މިހާރު އަތްގަދަކޮށްފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ. ނަމަވެސް، ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނީ، ސޮލޭދާރު ދިފާޢު ކުރުމުގައި އެ ޤައުމުގެ ސިފައިން އަދިވެސް ހަނގުރާމަކުރަމުންދާ ކަމުގައެވެ.