ޚަބަރު

ރައީސް، ތުރުކީގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


ތުރުކީގެ އަންކާރާގައި ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށް އީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ތުރުކީގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ތުރުކީއާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.ތުރުކީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ތުރުކީގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.