ތަޢުލީމު

ސްކޫލުތަކުގައި ދިވެހި ބަހުގެ ބަހުރުވަތައް ދިރާސާކުރަން އެބަޖެހޭ


ސްކޫލްތަކުގެ ދަރިވަރުން، އެކި ބަހުރުވަތަކުގައި ވާހަކަ ދައްކާގޮތް ދިރާސާކުރެވިއްޖެނަމަ ދިވެހިބަހަށް ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިގެންދާނެކަމަށް ޕަބްލިކްސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.މާދަރީ ބަހުގެ ދުވަހަށް ޚާއްސަކޮށްގެން ޢަރަބިއްޔާ ސްކޫލުގައި ބޭއްވި އެސްމެބްލީއެއްގައި ވާހަކަދައްވަމުން ޕަބްލިކްސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވާހަކަދައްކާ ބަހުރުވަތައް ދިރާސާ ނުކުރެވުމަކީ ވަރަށް ބޮޑު އުނިކަމެއްކަމަށެވެ. ދިވެހި ބަސް ކުރިއެރުވުމަށް ދިވެހި ބަހުގެ ދިރާސާކުރުންތައް އިތުރުކޮށް ދިވެހި ބަސް ދެމެހެއްޓުމައްޓަކައި ކޮންމެ މީހަކަށްވެސް އޮތް ވާޖިބަކީ ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކުން ކަމަށާއި، ދުނިޔޭގެ އެހެން ބަސް ބަހާއި ޚިލާފަށް ވާހަކަދެއްކުމުގައި ދަރަޖަތަކެއް ހިފަހައްޓާ ދިވެހިބަސް ދަމަހައްޓައި މުއްސަނދި ކުރުމަށް ސްކޫލް ކުދިންނަށް ވެސް ބައެއްކަހަލަ މަސައްކަތްތައް ކުރެވިދާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ކްލާހެއްގައި ވެސް އެކި ބަހުރުވަތަކުން ވާހަކަދައްކާ ކުދިންތިބޭއިރު، އެބަހުރުވައަކުން ތަފާތުކަންކަމަށާއި، އެއްޗިއްސަށް ބޭނުންކުރާ ބަސްތައް ދިރާސާ ކުރެވިދާނެކަމަށް އިކްރާމް ވިދާޅުވިއެވެ.ބަހަކީ އެބައެއްގެ އަމިއްލަވަންތަކަމުގެ އެންމެ ބޮޑު ރަމްޒުކަމަށާއި، ބައެއް ގައުމުތަކުގައި ވާހަކަދައްކާ ބަސް ނެތިގެންދަނީ ދުނިޔޭގެ ގިނަ ބަޔަކު ވާހަކަދައްކާ އުޅޭ ބޮޑު ބަހެއް އައިސް ވަދެގެން އެބަހުން މީހުން ވާހަކަދެއްކުމުން ކަމަށް އިކްރާމް ވިދާޅުވިއެވެ. އެހެންކަމުން ޒަމާންތަކެއް ފާއިތުވެގެންދާއިރުވެސް ދިވެހިބަސް އުވިގެންގޮސްފައިނުވަނީ، ދިވެހި ބަހުން  ވާހަކަދެއްކުންމަތީ ދިވެހިންނަށް ދެމިތިބުމުގެ ސަބަބުންކަން ފާހަގަކުރައްވާ އިކްރާމް ވަނީ، ދިވެހި ބަހުގެ މޮޅުކަމާއި ތަފާތުކަން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ހިއްސާކުރައްވާފައެވެ. އަރަބިއްޔާ ސްކޫލުގައި މިއަދު ބޭއްވި އެސެމްބުލީގައި ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާ ކުދިންވަނީ، އައިޓަމްތަކެއް ހުށައަޅާފައި އަދި  މާދަރީބަހުގެ ދުވަހުގެ މުހިންމުކަނުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ފާހަގަކުރެވެނީ ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ ގޮތުގައެވެ.