ޚަބަރު

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 42ވަނަ ސެޝަންގައި ރާއްޖެ


އ.ދ.ގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް އެކަންކަން ރަނގަޅުކުރުމަށް ޤައުމުތަކަށް ލަފާދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު)ގެ 42ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިމަހުގެ 23އިން ދެހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ކުރިއަށްދަނީ ޖެނީވާގެ ޕަލައީ ޑި ނޭޝަންސްގައެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު އަކީ، އ.ދ.ގެ ހުރިހާ މެމްބަރު ޤައުމުތަކުން އެޤައުމުތަކުގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތައް ބަލައި އެމަސައްކަތްތައް ވަޒަންކޮށް ހެދުމަށްޓަކައި ޤައުމުތަކުން އިސްކޮށް ތިބެ ކުރިއަށް ގެންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ސަބަބުން ޤައުމުތަކުން އެޤައުމުތަކުގައި އިންސާނީ ޙައްޤުތައް ހަރުދަނާކޮށް ކުރިއަރުވައި އެޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތައް އިޢުލާނުކުރެވޭނެއެވެ. އަދި އެހެން މެމްބަރު ޤައުމުތަކަށް އެމަސައްކަތްތައް ވަޒަންކޮށް އެމަސައްކަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށާއި، ޙައްޤުތައް ކަށަވަރުކުރުމަށް އިތުރަށް ކުރެވޭނެ ކަންކަމާމެދު ލަފާދޭނެއެވެ. މިމަރުހަލާ ރޭވިފައިވަނީ ހުރިހައި ޤައުމަކަށް ވެސް ހަމަހަމަ ގޮތެއްގައި އެޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަން ކުރެވޭނެ ފުރުޞަތު ފޯރުކޮށްދީ، ހުރިހައި ޤައުމެއްގައި ވެސް އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ބާރުއެޅޭނެ ގޮތަށެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ރާއްޖެއަށް މުހިއްމު ކަންކަމަށް ރިޢާއަތްކޮށް ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ޔޫ.ޕީ.އާރު.ގެ މިސެޝަނުގައި ވެސް ފުރިހަމައަށް ބައިވެރިވަމުން ދެއެވެ. މިސެޝަނުގައި ރިވިއު ކުރުމަށް ހަމަޖެހިފައިވާ 13 ޤައުމުކަމަށްވާ އާޖެންޓީނާ، ބެނިން، ޗެކިއާ، ގަބޯން، ގާނާ، ގުއަތަމާލާ، ޖަޕާން، ރިޕަބްލިކް އޮފް ކޮރިއާ، ޕާކިސްތާން، ޕެރޫ، ސްރީ ލަންކާ، ސްވިޓްޒަލަންޑް، އަދި ޒަމްބިއާ އަށް ވެސް އެޤައުމުތަކުން ކުރަމުންދާ އަދި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ބިނާކުރުވަނިވި ހުށަހެޅުންތަކާއި ލަފާ ރާއްޖެއިން ހުށަހަޅާނެއެވެ. އެގޮތުން، މިހާތަނަށް ރާއްޖެއިން ވަނީ ޗެކިއާ، އާޖެންޓީނާ، ގަބޯން، ގާނާ، ޕެރޫ، ގުއަތަމާލާ، ބެނިން، ރިޕަބްލިކް އޮފް ކޮރިއާ، އަދި ސްވިޓްޒަލަންޑުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެއަށް ފެންނަ ހުށަހެޅުންތައް ހުށަހަޅާފައެވެ.

މީގެއިތުރުން، ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއީމީ މަންދޫބު، ޑރ. އާސިމް އަޙުމަދު، ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްގެ ހައިސިއްޔަތުން، މިސެޝަންގެ ބައެއް ރިވިއު ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވައެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 42ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އިސް މަންދޫބަކީ، ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއީމީ މަންދޫބު، ޑރ. އާސިމް އަޙުމަދެވެ. ރާއްޖޭގެ ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ، ރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއީމީ މަންދޫބުގެ ނައިބު، ޙައުލާ އަޙުމަދު ދީދީ، ކައުންސެލަރ، ޙަސަން ޙުސައިން ޝިހާބު، ކައުންސެލަރ، އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކަޓްރީ، މަރިޔަމް ފާތިކާ ފަޔާޒް އެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ވޯކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ފަހަރު ސެޝަނެއް ބާއްވައެވެ. މިޕްރޮސެސްގެ ހަތަރުވަނަ ބުރު ނޮވެމްބަރު 2022އިން 2027ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.