މެޖިސްޓްރޭޓަކާއި ގާޟީއެއްގެ ސުލުކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަހުގީޤުކުރަން ފަށައިފިއެވެ.
ޖޭއެސްސީން ތަހުޤީޤްކުރަމުންދަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައަކާއި ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ ބެލުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލެވިފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުއާ ގުޅޭގޮތުން ބަލަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ޙުކުމް ނުކޮށް 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ.
މި މައްސަލަވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމައި، މައްސަލަ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.