ޑެންމާކުގައި މުޞްޙަފުތަކެއް އަންދައިލާ، އިސްލާމްދީނާއި މުސްލިމުންނަށް ފުރައްސާރަކުރިކުރުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މުޞްޙަފުތަކެއްގައި ރޯކޮށްލާ، މުސްލިމުންނަށް ފުރައްސާރަ ކޮށްފައި ވަނީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ސްވިޑަންގެ ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށްވާ ރަސްމުސް ޕެލުޑާންއެވެ.
ސްވިޑެންއާއި ޑެންމާކަށް ނިސްބަތްވާ ޕެލުޑާންއަކީ މުސްލިމުންނަށް ފުރައްސާރަކުރުމާއި، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.
މިކަމާއި ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގޭ މިފަދަ ޢަމަލުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންގެ ދީނީ އިޙްސާސްތަކަށް ގެއްލުންދޭ ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމަށެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމަށް ހިންގޭ މިފަދަ ޢަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތްތަކަށް ބުރު އަރާކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.
މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ސުލްހަމަސަލަސްކަމަށް ހުރަސްއެޅި، ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާކަމަށްވެސް އެބަޔާނުގައިވެއެވެ.
ޕެލުޑާން ފުރަތަމަ މުޞްޙަފުގައި ރޯކޮށްލާފައި ވަނީ ޑެންމާކުގެ ވެރިރަށް ކޯޕެންހާގަންގައި ހުންނަ މިސްކިތެއްގެ ކުރިމަތީގައެވެ. އެއަށްފަހު އޭނާ ވަނީ ކޯޕެންހާގަންގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި އިތުރު މުޞްޙަފެއްގައި ހުޅުޖަހާފައެވެ.
މި އަމަލު ހިންގާފައި ވަނީ، ސްވިޑެން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ހުރަސްއަޅާތީ ކަމުގައި އޭނާ ބުނެއެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕެލުޑާން ވަނީ ސްވިޑެންގެ ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައިވެސް މުޞްޙަފެއް އަންދައިލާފައެވެ.