ޚަބަރު

ރައީސް ޞާލިޙު އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ވިދާޅުވެ، ނަޝީދު ބަލި ޤަބޫލުކުރައްވައިފި


އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރައްވައިފިކަމަށް ވިދާޅުވެ، މި ޕްރައިމަރީގައި ވާދަކުރެއްވި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަލި ޤަބޫލުކުރައްވައިފިއެވެ.

މި އިންތިޚާބު ރައީސް ޞާލިޙު ކާމިޔާބުކުރައްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބުގައި އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވިކަމަށްބުނާ ވަރަށް ގިނަ ވޯޓު އުނިވާނެކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ލަފާކުރައްވަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުންވިޔަސް ރައީސް ޞާލިޙު މޮޅުވެދާނެކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ރައީސް ޞާލިޙާއެކު 2023 ގެ ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީއަށް ކާމިޔާބުނުކުރެއްވޭނެކަމަށް ފެނިވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި "ފިކުރެއްގެ ދިރުން" ނަމުގައި އެމް.ޑީ.ޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ޕާޓީގެ ދަފްތަރުން އުނިވިކަމަށް ތުހުމަތުކުރާ 39 ހާހަށްވުރެ ގިނަ މީހުން އަލުން އެމް.ޑީ.ޕީއަށް ގުޅި، އެމީހުންނާއެކު ފެންނަ ގޮތް ނިންމެވުމަށް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.

"ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާޢީދުކުރާ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ ފަހުންކަމަށާއި، ރިޔާސީ އިންތިޚާބުގެ ކުރިއަށް ޕާލިމެންޓްރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކީ ތާޢީދުކުރަން ފަސޭހަވާނެ ކެނޑިޑޭޓެއްކަމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަތަކަށް އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއިލް ވަނީ ރައްދު ދެއްވާފައެވެ. އަދި ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށާއި ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ނިންމެވުމާއި ގުޅޭގޮތުން އަލުން ވިސްނެވުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.


ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފައިވަނީ ވޯޓުލީ މީހުންގެ %61 ވޯޓާއެކުއެވެ. އެއީ 24،572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ %39 ވޯޓެވެ.


އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ޕްރައިމަރީއަށްވުރެ ފަސޭހައިން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް އެމަނިކުފާނު ޝައްކު ނުކުރައްވާކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ޕްރައިމަރީ ނިމުމާއެކު ހަޤީޤީ މަސައްކަތް މިފެށުނީ ކަމަށެވެ. އަދި މިވަގުތު ކުރަންވީ ކަމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމް.ޑީ.ޕީއެކުގައި މަސައްކަތް ކުރުންކަން ފާހަގަކުރައްވާ، އެމަނިކުފާނުގެ ވާދަވެރިންނަށް އެކުގައި މަސައްކަތް ކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

ޕާޓީތެރޭގައި ހުރި ބައެއް ޚިޔާލު ތަފާތުވުންތަކަށް އިޝާރާތްކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، މިއީ އެކަންކަން ހަނދާން ނައްތާލުމަށްފަހު އެމްޑީޕީ އެކަތިގަނޑެއްގެގޮތުގައި ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.