ޚަބަރު

ވޯޓު ފޮއްޓަށް ގެއްލުންދިން މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި


މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުފޮއްޓަށް ގެއްލުންދިން މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައަކާއި ގުޅިގެން ގދ.ރަތަފަންދޫއިން 2 މީހުން އަދި ގދ.ތިނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. ހައްޔަރުކުރި 3 މީހުންނަކީވެސް ފިރިހެނުންކަމަށް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި ފުލުހުން ހައްޔަރުކުރީ ވޯޓުފޮށީގެ އޮފިޝަލުންތަކެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ ފޯރި ވަނީ ގަދަވެފައެވެ. ހެނދުނު 9 އިން ފެށިގެން ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ބައެއް ޝަކުވާތައް ހުށައެޅިފައިވާކަމަށް އެމްޑީޕީން ބުންޏެވެ. މިއީ ޕާޓިގެ އެތެރޭގެ އިންތިޚާބެއްކަމުން ބައެއް ޝަކުވާތަކާއި ހިތްހަމަ ނުޖެހުން ހުންނާނެކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙައި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.