ގިނަ ޢަދަދެއްގެ ފައިސާއާއެކު ރާއްޖެ ދޫކޮށް ފިލި މީހަކު އިންޓަޕޯލް ރެޑް ނޯޓިސް މެދުވެރިކޮށް ހައްޔަރުކޮށްފިއެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.
މަކަރާ ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ 33 އަހަރުގެ މުޙައްމަދު އިހްސާނެވެ. މަކަރާއި ޙީލަތުން ފައިސާ ހޯދައި، ރާއްޖެއިން ބޭރަށް އޭނާ ފުރިކަމުގެ ތުހުމަތުގައި، ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ތަޙްޤީޤްގެ ބޭނުމަށް އޭނާ ބަންދުކުރި ކޯޓު ޢަމުރުގައި ވަނީ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނަތްރެރިވިކަމަށް ތުހުމަތުކުރެވޭ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ރާއްޖެ ދޫކޮށް ތައިލެންޑަށް ފުރައިގެން ގޮސްފައިވާކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން އޭނާ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމުގެ އިޙްމާލު އެބައޮތްކަމަށްވެސް ޢަމުރުގައި ބުނެފައިވެއެވެ.
އޭނާއާއި ދެކޮޅަށް ހެކީގެ ގޮތުގައި ފުލުހުން ވަނީ ސީސީޓީވީ ފޫޓޭޖު ވީޑިއޯ ހުށައަޅާފައެވެ. އެ ވީޑިއޯތަކުގައި އޭނާ ދަބަހެއް ހިފައިގެން ދާ މަންޒަރާއި، ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް ހުރި މަންޒަރުތައްސްނެޕްޝޮޓްތަކުން ފެނަންކަމަށް ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ. އަދި އޭނާ ޚިޔާނާތްތެރިވެފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއަށްކަމެއްވެސް އެނގިފައެއް ނުވެއެވެ.