ޚަބަރު

ޖަސްޓިން ބީބާގެ ލަވަތަކުގެ ރައިޓްސް 200 މިލިއަން ޑޮލަރަށް ވިއްކާލައިފި


މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ހުރިހާ ލަވަތަކެއްގެ ރައިޓްސް 200 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.

ބީބާ އޭނާގެ 291 ލަވައިގެ ރައިޓްސް ވިއްކާފައިވާއިރު، އެ ލަވަތައް ވިއްކާފައި ވަނީ ހިޕްނޯސިސް ސޯންގްސް ކެޕިޓަލް އަށެވެ. އެ ލަވަތަކުގެ ތެރޭގައި އޭނާގެ އެންމެ ކާމިޔާބު ލަވަތައް ކަމަށްވާ "ބޭބީ" އަދި "ސޮރީ" ހިމެނެއެވެ.

ލަވަތަކުގެ ރައިޓްސް ހިޕްނޯސިސްއަށް ބީބާ ވިއްކާލިއިރު، މީގެ ކުރިން ޖަސްޓިން ޓިމްބަލޭކް އާއި ޝަކީރާ ވެސް ވަނީ ހަމަ އެ ކުންފުންޏަށް އެމީހުންގެ ލަވަތައް ވިއްކާލާފައެވެ.

ލަވަތަކުގެ ރައިޓްސް ވިއްކާލުމާއި ގުޅޭގޮތުން ޖަސްޓިން ބީބާގެ މެނޭޖަރ ސްކޫޓާ ބްރައުން ބުނީ އެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، އަދި ހިޕްނޯސިސްއަށް ވުރެ ރަނގަޅު ޑީލެއް ނުލިބޭނެ ކަމަށެވެ. މި ޑީލުގެ ދަށުން ބީބާގެ ލަވަތަކުން ލިބޭ ރޯޔަލްޓީ ފަދަ ހުރިހާ އާމްދަނީއެއް ލިބޭނީ ހިޕްނޯސިސްއަށެވެ.

މިހާރުވެސް ބީބާގެ ލަވަތައް ސްޕޮޓިފައި ފަދަ އެކި ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކުވެސް އެތަކެއް މިލިއަން މީހުން ސްޓްރީމް ކުރެއެވެ.

ބީބާ އަށް ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ބައްޔެއް ކަމަށްވާ، ''ރަމްސޭ ހަންޓް ސިންޑްރޯމް'' ކިޔާ ބައްޔެއް ޖެހިފައެވެ. އެކަމާއި ގުޅިގެން ބްރޭކެއް ނަގައި އޭނާގެ ޓުއާރތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.