ޚަބަރު

ކުނި ނަގައި ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް ސިޓީ ކައުންސިލުން ޢިއުލާންކޮށްފި


މާލެ ސިޓީ ކައުންސިލުން، މާލޭ ތެރެއިން ނަގާ ކުނި ބަހައްޓަމުންދާ ސަރަހައްދު މެނޭޖްކޮށް، ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އަނެއްކާވެސް ޢިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލެ ތެރެއިން ނަގާ ކުނި ބަހައްޓަނީ ވަކި ސަރަޙައްދަކަށް ޖަމާކޮށްފައެވެ. އަދި ވަކި އިންތިޒާމެއް ނެތި ކުރިއަށްގެންދާ މިމަސައްކަތް ވަކި އިންތިޒާމެއްގެ ދަށުންކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް މިވަނީ ޢިއުލާންކޮށްފައެވެ. އެކައުންސިލުން ކުރި ޢިއުލާނުގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މާލޭގެ މަގުތަކާއި ހުސް ބިންތަކާއި މައިޒާންތަކުން ނަގާ ކުނި ވަކި ސަރަޙައްދަކަށް ޖަމާކުރުމުން އެސަރަޙައްދުން ވެމްކޯ ސައިޓްތަކަށް ކުނި ގެންދިޔުމުގައި ސިޓީ ކައުންސިލަށް އެހީތެރިވުމަށާއި، އެސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކުރާކަމަށެވެ.

މާލެތެރެއިން ކުނި ނަގައި، ބަލަހައްޓަމުންދާ ސަރަހައްދު މެނޭޖުކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިމިވަނީ، މާލެތެރެއިން ކުނި ނެގުމަށްފަހު ޤަވާއިދާ ޚިލާފަށް ކުނި ޖަމާކޮށްފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވަނިކޮށެވެ. މިއާއެކު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވަނީ އެތަން ސާފުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައެވެ. ކުނި މެނޭޖްކުރުމުގެ ޤަވާއިދާއި އުޞޫލުތަކުގައިވާގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރެވޭނީ އެކަމަށް ޚާއްސަކޮށްގެން ހުއްދަ ދީފައިވާ ތަންތަނުގައެވެ.

ކުނި ބަލަހައްޓަމުންދާ ސަރަހައްދު މެނޭޖުކުރާނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން ދެވަނަ ފަހަރަށް މިކަމަށް ހުޅުވާލާފައިމިވަނީ، ފުރަތަމަ ބުރުގައި ހުޅުވާލި ފުރުސަތުގައި ހުށައަޅާފައިވާ ބީލަންތަކުގެ އަގު ސިޓީ ކައުންސިލުން އަންދާޒާކުރި ވަރަށްވުރެ އަގު ބޮޑުވުމާއި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވަތީކަމަށް ސިޓީ ކައުންސިލުގެ ޢިއުލާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު މަޢުލޫމާތު ސާފުކޮށް، އަންގާރަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރު އަގު ކައުންސިލްގެ އިދާރާއަށް ހުށައެޅުމަށް އެކައުންސިލުންވަނީ އެދިފައެވެ. ސިޓީ ކައުންސިލުން ބުނީ މި ފުރުސަތުގައި އަގު ހުށައެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށެވެ.

މާލެތެރެ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން ހަމަވުމުން، އެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރަމުންދަނީ ކައުންސިލުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެން އަމިއްލައަށެވެ.