ޚަބަރު

ކިއްސަރު ފެއަރ ވަރަށް ކާމިޔާބު- ޔޫތް މިނިސްޓްރީ


އައްޑޫ ސިޓީގައި ބޭއްވި ކިއްސަރު ފެއަރ ކާމިޔާބު ކަމަށާއި ކުރިން ހީކުރިވަރަށްވުރެ އެތައްގުނައެއް އިތުރަށް ފެއަރ އަށް މީހުން ޒިޔާރަތް ކޮށްފައި ވާކަމަށް ޔޫތުމިނިސްޓްރީން ވިދާޅުވެއްޖެއެވެ.ދެ ދުވަހުގެ ނިޔަލަށް އައްޑޫސިޓީ ހިތަދޫގައި ބޭއްވި ކިއްސަރުފެއަ ނިންމާލެއްވީ ރޭގައެވެ.38 ސްޓޯލާއިއެކު އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކިއްސަރުފެއަރ ފެށީ ހުކުރުދުވަހުއެވެ. ފެއާ ހުޅުއްވައިދެއްވީ ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު މާހިދު ޝަރީފާއި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިޤެވެ.ގާތްގަނޑަކަށް 500 ވަޒީފާގެ ފުރުސަތާއި އެކު ފެށި ފެއާ ނިމިގެންދިޔައިރު 200 އަށްވުރެގިނަ ވަޒީފާގެ އެޕްލިކޭޝަން ފޯމް ފެއާގެ ތެރެއިން ލިބިފައި ވާކަމަށް، ފެއަރ އިންތިޒާމް ކުރެއްވި ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާމިނަތު އުއްމުކުލްސޫމް ވިދާޅުވީ ފެއަރ އަށް ޒިޔާރަތް ކުރާނެކަމަށް މިނިސްޓްރީން ކުރިން ލަފާކުރެއްވި އަދަދަށްވުރެ އެތަށް ގުނައެއް އިތުރަށް ފެއާއަށް ޒުވާނުން ޒިޔާރަތް ކޮށްފައި ވާކަމަށެވެ. މީގެ އިތުރުން މިނިސްޓްރީގެ ފަރާތުން މިފަދަ އިތުރު ފެއަރތަށް އިންތިޒާމް ކުރެއްވުމުގައި ދުރާލައި ތައްޔާރުވުން މުހިންމުކަން މިފެއަރގެ ތަޖުރިބާއިން އެނގިގެން ދިޔަކަމަށް އުއްމުކުލްސޫމް ވިދާޅުވިއެވެ.އައްޑޫގައި ނިމިގެންދިޔަ ކިއްސަރު ފެއަރ އަކީ އައްޑޫގެ ޒުވާނުން ނުހަނު ބޭނުންވެފައި ތިބި ފުރުސަތު ތަކެއްކަން ފެއާއަށް ޒިޔާރަތްކުރި ބައެއް ޒުވާނުންނާއި ވާހަކަދައްކާލުމުން އެނގިގެންދިޔައެވެ. އައްޑޫގެ ޒުވާނުން ދެކޭގޮތުގައި މިއީ ހަމައެކަނި ވަޒީފާގެ ފުރުސަތު ތަކެއް ދިމުނުގެ އިތުރަށް ސްކޫލް ނިންމައިގެން ނުކުންނަ ކުދިންނަށް، އެކުދިންގެ މުސްތަޤްބަލް ރާވާލުމަށްވެސް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.ކިއްސަރު ފެއަރގައި ސްޓޯލްތަށް ބަހައްޓާފައި ވާ ފަރާތްތަކުގެ ތެރެއިން ނޭޝަނަލް ކެރިއަރ ގައިޑެންސް ސްންޓަރުން ވަޒީފާއަށް ޒުވާނުން ތައްޔާރުކުރުމުގެ ގިނަ ޕްރޮގްރާމް ތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ކިއްސަރު ފެއަރަކީ ޒުވާނުންނަށް ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ހުރި ފުރުސަތުތައް ބުނެދީ، އެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ވަޒީފާތަކަށް ޝައުޤުވެރިކުރުވައި، އަދި ކަމާބެހޭ މަޢުލޫމާތު ޒުވާނުންނަށް ދެއްވުމަށް ބާއްވަވާ ފެއަރއެކެވެ.  "ކިއްސަރު - މަސައްކަތްތެރިންގެ މައިޒާން" ގެނަމުގައި ކިއްސަރު ފެއަރ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2006 ވަނަ އަހަރުގައެވެ.