ޚަބަރު

އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހު ޝަންގްރިއްލާ ހުޅުވޭނެ: ރައީސް


އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަންނަ އޮގަސްޓް މަހު ނުވަތަ ސެޕްޓެމްބަރުމަހު ހުޅުވޭވަރަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް އައްޑޫސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝަންގްރިއްލާ އަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އިރު، ބާކީ 70 އިންސައްތަ ހިއްސާ އޮންނަނީ ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ. ކޯވިޑާއި ގުޅިގެން ބަންދުކުރި އެރިސޯޓު ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދީ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުންވެސް ވަނީ ބާރު އަޅާފައެވެ. ނަމަވެސް މިހާތަނަށްވެސް އެ ރިސޯޓް އޮޕަރޭޝަނަށް ގެނެވިފައެއް ނުވެއެވެ.

ކެމްޕެއިންގައި މީގެ ކުރިން އައްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އައްޑޫގެ ރައްޔިތުން އެދޭނަމަ، ޝަންގްރިއްލާ ރިސޯޓް ތަރައްޤީކުރި، އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ސަރުކާރުގެ %30 ހިއްސާ ދޫކޮށްލައްވާނެކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު އެމަނިކުފާނުގެ ކެމްޕެއިން ނިންމެވުމަށް އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޝްންގްރިއްލާ ރިސޯޓް އަންނަ އޮގަސްޓް މަހު ނޫނީ ސެމްޓެމްބަރު މަހު ހުޅުވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމަވާފައިވާ ކަމަށެވެ. އަދި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ތައްޔާރުވެ، ޝަންގްރިއްލާގެ ވެރިންނަށް އެކަން އަންގާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ތައްޔާރަށް. އެކަން ފާސްކޮށް ނިންމާ ޝަންގްރިއްލާގެ ވެރިންނަށް މިހާރުވާނީ އަންގާފަ. އެއްމަސް ދުވަހުގެ ތެރޭގައި އެބޭފުޅުން ޑިސިޝަނެއް ނަގަންޖެހޭނެ. މިހާރު އެބޭފުޅުން އަޅުގަނޑުމެންނަށް މަޢުލޫމާތު ދީފައި އޮތްގޮތުން އޮގަސްޓް ސެޕްޓެމްބަރުގައި އިރާދަކުރެއްވިއްޔާ އެތަން ހުޅުވޭވަރަށް މަސައްކަތް ކުރާނެ ވާހަކަވެސް އޮތީ އަންގާފައި". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ޝަންގްރިއްލާ އޮޕަރޭޓްކުރުމަށް ދިވެހި ކުންފުންޏެއްކަމަށްވާ ރިއޯލޯ ކުންފުނިން ޝަޢުޤުވެރިކަން ފާޅުކޮށް، އެކަމުގެ މަޝްވަރާތައް ފަށާފައިވަނިކޮށެވެ. ރިއޯލޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޮޑު އެއް ކުންފުންޏެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ތިރީސް ނުވަތަ ސާޅީސް އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖެގެ ތަރައްޤީއަށް ނުކުރެވޭހާ ގިނަ މަސައްކަތް މިސަރުކާރުން މިވީ 4 އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ ތަރައްޤީ ކުރައްވަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ނިމިފައިވާ މަޝްރޫޢުތަކުގެ ތަފްސީލްވެސް ހިއްސާ ކުރައްވާފައެވެ. އަދި ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތްކަތުގައި އެންމެ ބޮޑު ހޭދައެއް ކުރާ އެއްދާއިރާއަކީ އައްޑޫ ސިޓީކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެސިޓީގެ ތަރައްޤީއަށް 6 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މިހާތަނަށް ހޭދަކުރައްވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.