ޚަބަރު

އަޖޭއަށް ލޯބީގެ ފިލްމެއް، ބަތަލާއަކީ ތާބޫ


ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓުކޮށް، ކުޅުނު 4 ވަނަ ފިލްމުގެ ޓީޒާ ދާދިފަހުން ދައްކާލާފައިވާއިރު، އަޖޭ އަނެއްކާވެސް އައު ފިލްމަކަށް ސޮއިކޮށްފިއެވެ.

ދެ ދުވަސްވަރެއް ދައްކާ އަޖޭގެ މިފަހަރުގެ ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު އިޢުލާނުކޮށްފައިވާ މި ފިލްމު ސެޓްކޮށްފައިވަނީ 90 ގެ އަހަރުތަކުގެ ފަހުކޮޅު އަދި މިޒަމާނަށެވެ. އަޖޭ އާއެކު މި ފިލްމުގައި ދެން ފެންނާނީ ތާބޫއެވެ.

މި ފިލްމަކީ އިންޑިއާ ސިނަމާއަށް އައު ވައްތަރެއްގެ ފިލްމެއް ނޫން ކަމަށާއި، ތްރިލާ އަށް ބެލުންތެރިންގެ ތަރުހީބު ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ލަކްނޯގައި ވަރަށް އަވަހަށް މި ފިލްމުގެ މަސައްކަތް ފަށާނެއެވެ. އަޖޭ އަށް 25 ދުވަހުގެ ޝެޑިއުލް އެއް ލިބިފައިވާއިރު، ތާބޫ އާއެކު ވަރަށް އަވަހަށް ޝޫޓިން ފަށާނެ ކަމަށް ޓީމުން ބުނެއެވެ.

އަންނަ މާރިޗު މަހުގެ 30 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ އަޖޭގެ ކުރިއަށް އޮތް ފިލްމު "ބޯލާ" އަކީ 2019 ވަނަ އަހަރު ދެއްކި ތަމަޅަ އެކްޝަން ތުރިލާ "ކައިތީ" ގެ ހިންދީ ރިމޭކެކެވެ. ކާތީ ކުޅުނު ފިލްމު ލިޔެ، ޑައިރެކްޓްކުރީ ލޮކޭޝް ކަނަގަރާޖެވެ.

އަޖޭއާ އެކީ "ބޯލާ" ގެ ކާސްޓްގައި ތާބޫ، ސަންޖޭ މިޝްރާ، ދީޕަކް ދޮބްރިޔާލް އަދި މަކްރަންދު ދޭޝްޕާންޑޭ ހިމެނެއެވެ. މީގެ އިތުރުން ޚާއްސަ ފެނިލުންތަކުން އަބީޝެކް ބައްޗަނާއި ދެކުނުގެ މަޝްހޫރު ބަތަލާ އަމާލާ ޕޯލްވެސް މި ފިލްމުން ފެންނާނެއެވެ.

އަޖޭ ޑައިރެކްޓްކޮށް، ކުޅެ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ އޭވިއޭޝަން ތުރިލާ "ރަންވޭ 34" އެވެ. އޭނާގެ ކުރީގެ ޑައިރެކްޝަންތަކަކީ 2016 ގެ "ޝިވާއޭ" އާއި 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.