ޚަބަރު

ސިދާތުގެ "މިޝަން މަޖްނޫ" އަށް ބޮޑު ތަރުޚީބެއް


ނެޓްފްލިކްސް އިން އެންމެ ފަހުން ރިލީޒްކުރި ހިންދީ ފިލްމު "މިޝަން މަޖްނޫ" އަށް ބޮޑު ތަރުޚީބެއް ލިބެމުން އެބަދެއެވެ. މި ފިލްމަކީ ކްރިޓިކުންނާއި ބެލުންތެރިންގެވެސް ބޮޑު ތަރުޚީބެއް ލިބިފައިވާ ފިލްމެކެވެ.

މީގެ ކާސްޓުގައި ސިދާތު މަލޯތްރާ، ރަޝްމިކާ މަންދާނާ، ކުމުދު މިޝްރާ، ޕަރްމީތު ސެތީ، ޝަރީބް ހާޝްމީ، މީރު ސަރްވާރު އަދި ޒާކިރު ހުސެއިން ފަދަ ހުނަރުވެރި ތަރިންތަކެއް ފެނިގެންދެއެވެ.

މި ފިލްމު ރިލީޒްކުރި ފަހުން އިންޑިއާ، ކެނެޑާ، ސިންގަޕޫރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް، ބަހްރެއިން، އަދި ސްރީލަންކާ ހިމެނޭ ގޮތަށް ނެޓްފްލިކްސްގެ 18 ޤައުމެއްގެ ގަދަ 10 ފިލްމުގެ ލިސްޓުގައި ވަނީ ޓްރެންޑްވެފައެވެ.

"މިޝަން މަޖްނޫ" ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައި ނެޓްފްލިކްސް އިން ދެއްކި ނޮން އިންގްލިޝްގެ ބައިން 2 ވަނަ ފިލްމަށް މި ފިލްމު ވަނީ ވެފައެވެ. މިކަމާއި ގުޅިގެން ސިދާތު ބުނީ ބެލުންތެރިންގެ ފަރާތުން އެހާ ބޮޑު ލޯތްބެއް ލިބުމުން ޝުކުރުވެރިވާ ކަމަށެވެ.

"އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ފެޝަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ނެޓްފްލިކްސް އިން ޕްރީމިއާކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މިއީ ސިދާތުގެ ފިލްމެއް ސީދާ ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލްކޮށް ޕްރީމިއާކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ކާމިޔާބު ވަތަނީ ފިލްމު "ޝޭރުޝާ" އެވެ.

އޮކްޓޯބަރުގައި ރިލީޒްކުރި "ތޭންކް ގޯޑް" ގެ ފަހުން ސިދާތު ބެލުންތެރިންނާ ބައްދަލުކުރާ "މިޝަން މަޖުނޫ" ގެ ބަތަލާ އަކީ "ޕުޝްޕާ" ފަދަ ފިލްމުތައް ކުޅުނު މަޝްހޫރު ތެލެގޫ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި "ގުޑް ބާއި" އެވެ.