ޚަބަރު

ޕެރިސް ހިލްޓަން އަށް ފިރިހެން ކުއްޖަކު ލިބިއްޖެ


އެމެރިކާގެ މޮޑެލް އަދި ވިޔަފާރިވެރިޔާ ޕެރިސް ހިލްޓަން އާއި ފިރިމީހާ ކާޓާ ރިއުމް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އާ އަހަރާއިއެކު ލިބުނު މި އުފާވެރިކަމުގެ ސަބަބުން ދެމަފިރިންވެސް ތިބީ ވަރަށް އުފަލުން ކަމަށް ޕީޕަލްސް މެގަޒިން އިން ބުނެއެވެ. މި ދެމީހުންނަށް ކުއްޖަކު ލިބުނީ ސަރޮގެސީ މެދުވެރިކޮށެވެ.

"މަންމައަކަށް ވުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެއް އަދި ކާޓާއި އަހަރެން އެކަކު އަނެކަކާއި ދިމާވުމުން އަހަރެން ވަރަށް އުފާވޭ" ޕެރިސް ޕީޕަލްސް އަށް ބުންޏެވެ. އަދި އާއިލާ ފަށަން މި ތިބީ ތައްޔާރަށް ކަމަށްވެސް ޕެރިސް ބުންޏެވެ.

ޕެރިސް ވަނީ މި އުފާވެރި ޚަބަރު ދަރިފުޅާއެކު ފެންނަ ފޮޓޯ އަކާއެކު ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާއިވެސް ހިއްސާކޮށްފައެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ޕެރިސް ހިލްޓަން ވަނީ އޭނާގެ އިން-ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ދަތުރާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. ޕެރިސް ބުނިގޮތުގައި އައިވީއެފް އޭނާ ފެށީ ކޯވިޑު 19 ގެ ދުވަސްވަރުއެވެ.

އެއް އަހަރު ދުވަހު އެކުގައި އުޅުމަށްފަހު ޕެރިސް އާއި ކާޓާ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ކާޓާ އަކީ ޕެރިސްގެ ދުވަސްވީ ރަހުމަތްތެރިއެކެވެ. އޭނާ އަކީ ލިޔުންތެރިއެއް އަދި ވިޔަފާރިވެރިއެކެވެ.